ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން ކާމިޔާބީ ހާސިލުވެފައި ވާ ނަމަ، ފުރުސަތު އޮތް މިންވަރަކުން އެ ކަން ފާހަގަކުރަން ޖެހޭ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިންފެކްޝަސް ޑިޒީޒް އެޕިޑެމިއޮލޮޖިސްޓް މާރިއާ ވެން ކެރްކޯވް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވެން ކެރްކޯވް ވިދާޅުވީ، ބަލިމަޑުކަމުން އަދިވެސް އަރައިގަނެވިފައި ނުވާ ކަމަށާ، "ކަށިކުނބުރު ޖަންގަލިން" އަލިކަމުގެ ތެރެއަށް ނިކުތުމަށް އަދިވެސް ދިގު ރާސްތާއެއް ކަޑަތު ކުރަންޖެހޭ ކަމަށެވެ. ވައިރަހަށް ހަރަކާތްތެރި ވެވިދާނެ ކިތަންމެހާވެސް ތަނަވަސް ޖާގައެއް އެބައޮތް ކަމަށާ، ނަމަވެސް، ނަތީޖާ ނެރެވެނިވި ވަސީލަތްތަކެއް، އެކަށީގެންވާ ގޮތެއްގައި ގާއިމު ކުރެވިފައި ވާ ކަމަށްވެސް ވެން ކެރްކޯވް ވިދާޅުވިއެވެ.

ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ކުރި ލިބޭ މަގުތައް އެކަކު އަނެކަކަށް ކިޔައިދީގެން، ހިތްވަރު ދެމުންދާ ދިއުމަކީ ފާހަގަކުރަންޖެހޭ ކަމެއް ކަމަށްވެސް ޑަބްލިއުއެޗްއޯގެ އޮފިޝަލު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ވެން ކެރްކޯވް ވިދާޅުވީ، ގިނަ އަދަދެއްގެ އާންމު ފަރުދުންނާއި ސަރުކާރުތައްވެސް މި ބަލިމަޑުކަމުގައި މިހާރު ވަރުބަލިވެފައި ވާ ކަމަށެވެ. ހުރިހާ އެންމެންވެސް ތިބީ ވަރުބަލިކަމެއްގައި ކަމަށާ، ބައެއް ސަރަހައްދުތަކުގައި ބަލިމަޑުކަމުގެ ހުޅުގަނޑު އަނެއްކާވެސް ފަޅައިގެންދާ ދިއުން ހަޖަމް ކުރުމަކީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ދަތިކަމަށް ވެފައި ވާ ކަމަށް ވެން ކެރްކޯވް ވިދާޅުވިއެވެ. ނަމަވެސް، މިއީ އެކަމަކުން އަރައިގަނެވިދާނެ ކަމެއްކަންވެސް ޑަބްލިއުއެޗްއޯގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.

ޑަބްލިއުއެޗްއޯގެ އިސް އޮފިޝަލަކު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ކޮވިޑް-19އިން ދިފާއުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިންތައް ތަރައްގީ ކުރަމުންދާ ފަރާތްތަކުން އެދެވޭ އިޝާރަތްތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.