މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ބްލިޔުއެސްސީ) ގެ "ވޯޓާ ސެކިއުރިޓީ ޕްލޭން" ގެ ދަށުން، މާލޭގައި ފެންރައްކާ ކުރާ އިތުރު 2 ތާނގި ބެހެއްޓުމުގެ މަޝްރޫއެއް ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ ދެ ތާނގި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ކުރިން އެސްޓީއޯ ގެރެޑީ މިކްސް ކޮންކްރީޓް މަސައްކަތް ކުރަމުން އައި މާލޭގެ 378 ނަމްބަރ ކޮށީގައި ކަމަށެވެ.

އެމަޝްރޫއުގެ މަޤްސަދަކީ މާލޭގައި އެމްޑަބްލިޔުއެސްސީ އިން ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި، ރައްކާތެރި ސާފު ބޯފެން ފޯރުކޮށް ދިނުން ކަމަށް އެކުންފުނިން ބުނެއެވެ.

މިއަދު އެމަޝްރޫއު އަމަލީ ގޮތުން ފައްޓަވައި ދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ކުންފުނީގެ މެނޭޖްމަންޓްގެ ބޭފުޅުންނެވެ.

އެމަޝްރޫއުގެ ދަށުން، 2 ތާނގީގެ އިތުރުން ފެން ފޯރުކޮށް ދިނުމަށް ޓަކައި ޕަމްޕް ރޫމެއްވެސް ގާއިމް ކުރެވިގެން ދާނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި އަލަށް ބަހައްޓާ 2 ތާނގިން ކުރެ ކޮންމެ ތާންގަކުވެސް 13,648 ކިޔުބިކް މީޓާގެ ފެން ރައްކާކުރެވުމާ އެކު މިއެ ދެ ތާނގީގައި ޖުމްލަ 27,296 ކިޔުބިކް މީޓާ ފެން ރައްކާކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމަސައްކަތްތައް ނިމުމުން، އެމްޑަބްލިޔުއެސްސީއިން މާލޭ ސިޓީގައި ފެން ރައްކާކުރެވޭ މިންވަރު ޖުމްލަ 50,296 ކިޔުބިކް މީޓަރަށް އިތުރުވެގެން ދާނެއެވެ.

އެތާނގިތައް ބެހެއްޓުމުގެ މަސައްކަތްތައް ނިންމާލުމަށް ތާވަލު ކުރެވިފައި ވަނީ ޑިސެމްބަރި 2021 ވަނަ އަހަރުގެ ނިޔަލަށެވެ. އެ މަޝްރޫއަށް ޖުމްލަ 82 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެކުންފުނިން ބުނެއެވެ.

ގްރޭޓާ މާލެ ރީޖަން ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމްޑަބްލިޔުއެސްސީ އިން ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ 2 ސަރަހައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ވަނީ ގާއިމްކޮށްފައެވެ. އަދި މާލެ ހުލުމާޅެ ބުރިޖު މެދުވެރިކޮށް އެމްޑަބްލިޔުއެސްސީން އަޅާފައިވާ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެއެވެ.