ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައި ނުވާ ކަމަށާއި އެމަޝްރޫއަށް ފަންޑުކުރާ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން އެ މަޝްރޫއު ހުއްޓުވާފައިވާ ވާހަކަ އަކީ ދޮގު ހަބަރެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިއަދު ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީނިއާ ޕޮލިސީ ޑިރެކްޓަރު ހުސެއިން ހަމީމް ވިދާޅުވީ ކޮރަޕްޝަންގެ އަމަލެއް ހިންގައިގެން އެ މަޝްރޫއު ހުށަހެޅިކަމަށް ބުނެ ފެތުރެމުންދާ މައުލޫމާތަކީ ރަނގަޅު މައުލޫމާތެއް ނޫންކަމަށެވެ.
އޭގެ އިތުރުން އެކަމުގައި އޭޑީބީގެ އެންޓި ކޮރަޕްޝަން ޕޮލިސީއާއި ހިލާފުކަމެއް ކޮށްފައިވާކަން އެ ބޭންކަށް ނުބެލެވޭ ކަމަށާއި އެ މަޝްރޫއުގެ ބީލަމުގެ މަރުހަލާގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުވަތަ އަމަލެއް އެ ބޭންކަށް ފާހަގަކުރެވިފައިނުވާކަން އެބޭންކުން ވެސް އަންގާފައިވާ ކަމަށް ހަމީމު ވިދާޅުވިއެވެ.
އެ މަޝްރޫއު އަލުން އެވޯޑް ކުރަން ނިންމާފައިވާއިރު އެ މަޝްރޫއުގެ ބިޑަށް ދެވަނަ ފަހަރުވެސް ވެބް ފޮންޓެއިން އޭޝިއާ އިންކޯޕަރޭޓެޑަށް ކުރިމަތިލެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މަޝްރޫއުގެ ދަށުން ބިޑަށް ކުރިމަތިލެވޭނެ މީހުން ކަނޑައަޅަނީ އޭޑީބީއިން ކަމަށް ނޭޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓްގެ ލީޑް ކޮންސަލްޓެންޓް ސައީދާ އުމަރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ. އަދި އެޑީބީ އާއެކު އެމަސައްކަތް ރީ ބިޑިންއަކަށް ދިޔުމަށް ކުރަންޖެހޭ ކަންތައްތަކާއި މެދު މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށް ސައީދާ ވިދާޅުވިއެވެ.