އާއިލާގެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެނަމަ ދެން ހަދާނެގޮތެއް ރާވާފައި އޮންނަން ޖެހޭ ކަމަށް ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ ބެލެނިވެރިންނާއި ކުދިންނާ ވާހަކަ ދައްކަވާ ލެއްވުމުން އެނގިގެން ދަނީ ޕޮޒިޓިވް ވެދާނެ ކަމަށް ގިނަ ފަހަރު ހީ ނުކޮށް އޮއްވާ ޕޮޒިޓިވްވާ ކަމަށެވެ.

އަދި ޕޮޒިޓިވް ވުމުން ދެން ހަދާނެ ގޮތެއް ރާވާފައި ނޯން ކަމަށާއި އެކަމުގެ ސަބަބުން ދެން ކުރިމަތި ލާން ޖެހެނީ އިތުރު ހާސްކަމާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އެެހެން ކަމުން އާއިލާގެ މީހަކު ޕޮޒިޓިވް ވެއްޖެނަމަ ދެން ހަދާނެ ގޮތެއް ކުރިއަށް ވިސްނާ، ރާވާފައި ބަހައްޓަން ޖެހޭ ކަމަށްވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދަު އިތުރުވަމުން ދާއިރު އިއްޔެ އެކަނިވެސް ވަނީ ޖުމްލަ 98 މީހުން ޕޮޒިޓިވް ވެފައެވެ. ކުރިން ކޮވިޑް ފެނިފައި ވަނީ މާލޭއިން ނަމަވެސް ފުރަބަންދު ކަރަންޓީނަށް ދިން ލުޔާއެކު އަތޮޅު ތެރޭގެ ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8584 އަށް އަރާފައެވެ. ބަލިން ރަނގަޅުވެފައި މީހުންގެ އަދަދު ވަނީ 5936 އަށް އަރާފައެވެ. މިހާރު ހޮސްޕިޓަލުގައި 147 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1143 މީހަކު އެބަ ތިއްބެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 29 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވްވެފައި ވަނިކޮށް 6 މީހަކު ނިޔާވެފައިވައިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 35 ރަށަކާއި 22 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން ހިމެނެނީ 19 ޓޫރިސްޓަކާއި 47 ސްޓާފުންނެވެ.