މާލެ ސަރަހައްދުގައި ބާރު ސްޕީޑުގައި ކޮވިޑް ފެތުރެމުންދާ ކަމީ އެއްވެސް ދިވެއްސަކަށް އޮޅިފައި އޮތް ކަމެއް ނޫނެވެ. މިކަންތައްގަނޑު ލައިގަން އިރު، ކޮންމެ މީހަކު ވެސް އުޅުނީ ބިރުންނެވެ. ބައްޔަށް ޝައްކު ކުރެވޭ މީހެއް ފެނިއްޖެ ނަމަ ވެސް ދެން އޮންނަނީ އޭނާގެ ފޮޓޯ ދައުރުކޮށް، އޭނާއަށް ފިލަން ބާރަށް ދުވުމެވެ. ނަމަވެސް އެ ދުވަސް މިހާރު ނެތިގޮސް، "ނޯމަލް" ދިރިއުޅުމަށް އެންމެން އަނބުރާ ހިންގައްޖެ ކަހަލައެވެ.

6 މަހެއްހާ ދުވަސް ތެރޭ 8500 އަށް ވުރެ ގިނަ ކޭސް ޕޮޒިޓިވްވެފައިވައިރު، ކޮންމެ ދުވަހަކު އެޗްއީއޯސީން 10:00 ގައި ކުރާ ޓްވީޓު ފެނި ހައިރާންވާ މީހުން ވެސް މިހާރު މަދުވެއްޖެއެވެ. ބަލި ޖެހުނަސް ހެވެވެ. ގާތް ރަހްމަތްތެރިންނާއި އާއިލާ މީހުންނަށް މިކަމުގެ ހިތި ތަޖުރިބާ ހުރި މީހުން މެނުވީ މިއީ ސީރިއަސް ކަމެއްގެ ގޮތުގައެއް ނުބަލައެވެ.

މާސްކު އެޅުން މަޖުބޫރު ކުރުމުން، މާސްކު އަޅާއިގެން ދެން ބޭރުގައި އުޅޭނެ ގޮތަކަށް އުޅެންވީއެވެ. ކުރިން ނެގި އެއްވެސް ސަލާމަތީ ފިޔަވަޅެއް މަތިންނެއް މިހާރު ހަނދާނެއް ނެތެވެ. އަތްދޮވުމެއް، ޑިސްއިންފެކްޓް ކުރުމެއް ނެތެވެ. ކުރިން މީހަކު ކަރަންޓީނަށް ލައިފިނަމަ، އެމީހާ ކަރަންޓީނުގެ އުސޫލުތަކާ އެއްގޮތަށް ކަންތައް ކުރޭތޯ އެކަން އެނގުނު ކޮންމެ މީހަކު އަހާ، ބަލާ އޮޅުން ފިލުވާނެއެވެ. މިހާރު އެކަން ނެތެމުން ގެއްލެމުން ގޮސް އެއްކޮށް ގެއްލިއްޖެއެވެ.

ކަރަންޓީނު ކުރިއަސް ހެވެވެ. އައިސޮލޭޓް ކުރިއަސް ހެވެވެ. މަސް ދަތުރާއި ޕިކްނިކާއި ޕާޓީއަށް އަދި ފިނި ބުރު ޖަހަން ވެސް ދާންވީއެވެ. އެއްވެސް މީހަކަށް ނޭނގޭނެތާއެވެ. އެހެންވީމާ މައްސަލައެއް ނޫނެވެ. ކަރަންޓީނުގައި ހުއްޓަސް "މިސް" ނުކުރެވޭނެ އެއްވުންތައް ވީމާ ކޮންމެހެން ވެސް ދާން ޖެހޭނެއެވެ. މިއީ ހަމަ މިއަދުގެ ޒުވާނުންގެ ވިސްނުމެވެ. ބަލީގެ ސީރިއަސްކަމުގެ މިންވަރު ކުޑަކޮށްވެސް އިހުސާސެއް ނުކުރެވެއެވެ.

މާލޭ މަގުމަތި / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ރެއާ ދުވާލު ޑޮކްޓަރުންނާއި ދެން ވެސް ސިއްހީ ދާއިރާއާ ބެހޭ މީހުން އެ ދައްކާ ވާހަކަތަކަކީ ދެން އަޑު ނީވޭ އެއްޗެކެވެ. ރައްކާތެރިވުމަށް ފިޔަވަޅެއް އަަޅައިފިނަމަ ގޯސް ވަނީ އެ ފިޔަވަޅު އަޅާ މީހެކެވެ. ކާފިއުއެއް އިއުލާން ކޮށްފިނަމަ ފުރަތަމަ ދުވަހު ދާނީ އެކަން ރަނގަޅަށް ތަންފީޒު ކުރޭތޯ، ހުއްޓުވާތޯ، ޖޫރިމަނާ ކުރޭތޯއެވެ. ތިމާގެ ހުޝިޔާރުކަން ޓެސްޓުކޮށްލާ، ފުލުހުން ތިއްބަސް ބޭރުގައި އުޅެވޭނޭ ހިތަށް އަރުވާލާފައެވެ.

ދެވަނަ ދުވަހު ރައްޓެހިން ވެސް ގޮވައިގެން ކާފިއު ވަގުތުގައި ބޭރުގައި އުޅެލުމަކީ "ފަން" ކަމެއް ކަން ދައްކާލުމަށެވެ. ތިން ވަނަ ދުވަހު އެ މެސެޖު އިތުރު ބަޔަކަށް ފޯރުކޮށްދީ، އެމީހުން ވެސް ގޮވައިގެންނެވެ. ބެލްކަނިން މަންޒަރު ބަލާ މީހާއަށް ބޭރުގައި މީހުން އުޅޭ މަންޒަރު ފެނުމުން އޭނާއަށް ވެސް އެކަން "އޯކޭ" ވަނީއެވެ. ދެން ދުވަހެއް ދުވަހަކަށް މަގުމަތީގައި މީހުން ގިނަ ވަނީއެވެ. އެހެންގޮސް ކާފިއު ގަޑިއަކާ ކާފިއު ނޫން ގަޑިއަކާ ތަފާތެއް ނޯވެއެވެ.

8 އޭޕްރިލް 2020 - މާލެ ސަަހައްދަށް އިއުލާން ކުރި 3 ގަޑިއިރުގެ ކާފިއު ހަމަވި ވަގުތު މަޖީދީމަގު / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ކޮންމެ 63 މީހަކުން އެކަކަށް ބަލި ޖެހިއްޖެއެވެ. އާބާދީގެ 1.5 ޕަސަންޓް މީހުންނަށް ބަލި ޖެއްހިއްޖެއެވެ. ކޮންޓްރޯލްވުމާ ގާތަށް ވެސް އަދި ނުދެއެވެ. 29 މީހުން ނިޔާވެއްޖެއެވެ. އެތައް ބަޔަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް، އައިސީޔޫއަށްލާ، ވެންޓިލޭޓަރަށް ވެސް ލެވިއްޖެއެވެ. އަދިވެސް މިއީ ސީރިއަސް ކަމެއްގެ ގޮތުގައި ދެކޭކަށް ނުވެއެވެ. ކޮފީއަށް ދިއުމާ ފިނިބުރުޖެހުމާ ދެން ވެސް ބާއްވާ އެއްވުމެއް ކޮވިޑުން ސަލާމަތްވެ، މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްވުރެ މުހިންމު ވެއްޖެއެވެ.

ސިއްހީ ހިދުމަތްތެރިން ރޯއަޑު އަހާނެ މީހަކު ނެތީއެވެ. ސިއްހީ ހިދުމަތްތެރިން އެކަންޏެއް ނޫނެވެ. ކޮވިޑްގެ ސަބަބުން އާމްދަނީއަށް އަސަރު ކުރި އެތައް ބަޔަކު އެބަ ތިއްބެވެ. ބަލި ކޮންޓްރޯލް ކުރެވި، އިގްތިސޯދު ހަމައަކަށް އެޅުމުން ނޫނީ ހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެ އެތައް ބައެކެވެ. އުއްމީދުގެ ހުޅުކޮޅު ނިވި، އަޅިއަށްވެދަނީއެވެ. ތައުލީމުން މަހުރޫމު ވެފައިވާ އެތައް ދަރިވަރުންނެކެވެ. ގެއްލިގެންދާ ދުވަސްތައް އަނބުރާ ނުލިބޭނެތީ، އެތައް މައިންބަފައިންނެއް ހާސްކަމުގައެވެ. މި އެންމެން ވެސް ރޮއެ އާދޭސް އެ ކުރަނީ ކޮވިޑަށް ނިމުމެއް ގެނައުމެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައކްަތް ކުރާ ސިއްހީ ހިދުމަތްތެރިއެއް / ފޮޓޯ: އެޗްއީއޯސީ

އެ ސިއްހީ ހިދުމަތްތެރިންގެ އަޑުއަހާށެވެ. އާމްދަނީ ހުއްޓި ނިކަމެތިވަމުންދާ މީހުންގެ އަޑުއަހާށެވެ. އެ މައިންބަފައިންގެ އަޑުއަހާށެވެ. އާއިލީ މީހުންނާއި، ގާތްތިމާގެ މީހުން ގެއްލި، އެކަނިވަމުންދާ މީހުން އަޑުއަހާށެވެ. މިއީ އަދި މާގިނަ ދުވަސްވީ ބައްޔެއް ނޫނެވެ. ނޭނގޭ އެތައް ކަމެއް އެބަހުއްޓެވެ. ފަހުން ދިމާވެދާނެ ކަންކަމެއް ނޭނގެއެވެ. ހޭލާށެވެ. ތި ފުން ނިދިން ތެދުވެ ވަށައިގެންވާ މާހައުލަށް ބަލާލާ، އިބުރަތް ހާސިލު ކުރާށެވެ.