ށ. ފޯކައިދޫ ހޯމު ކަރަންޓީނުގައި ތިބޭ މީހުން ކައިރިއަށްދާ މީހުން ޖޫރިމަނާކޮށް، ކަރަންޓީނު ކުރާ ގޮތަށް ނިންމައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އެއީ އެރަށުގެ ޓާސްކް ފޯސްއާ ގުޅިގެން މަޝްވަރާ ކުރެވިފައިވާ ކަމެއް ކަމަށެވެ. އެގޮތަށް މަޝްވަރާ ކުރެވިފައި ވަނީ މާލެއިން މީހުން ހޯމް ކަރަންޓީނަށް ރަށަށް ގޮސް ރަށުގައި ކަރަންޓީނު ކުރެވިފައި ތިބޭ މީހުން ކައިރިއަށާއި އެ ގޭގެއަށް މާބޮޑު ކަމަކަށް ނަހަދާ ބައެއް މީހުން ޒިޔާރާތް ކުރާކަން ފާހަގަ ކުރެވެމުން ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެކަމުގައި އިތުރު ގޮތެއް ނެތް ކަމަށާއި ކަރަންޓީން ކޮށްފައިވާ ގެތަކަށް ވަންނަ ކަމަށް ވާނަމަ، އެފަދަ މީހުން ދޫކޮށްލައިގެން ނުބޭތިއްބޭނެ ކަމަށެވެ.

އެގޮތުން ކަރަންޓީން ކޮށްފައިވާ ގެއަކަށް ވަދެއްޖެކަން ޔަގީން ވެއްޖެނަމަ، ކަރަންޓީން ކޮށްފައިވާ ގޭގައި ކަރަންޓީން ވެފައި ތިބޭ މީހުންގެ ސާމްޕަލް ނަގާ ނިމެންދެން ގަވައިދާ ހިލާފަށް ވަން މީހުންވެސް، ގެވެސް ކަރަންޓީން ކުރުމަށް ކޮމެޓީގައި މަޝްވަރާ ކުވެފައި ވާނެ ކަމަށެވެ.

މިކޮޅުގަ މާލެއިން އަންނަ ފަރާތްތަކުން ކަރަންޓީން ކޮށްފަ ހުންނަ ގޭގެއަށް އެބަ ވަދޭ ހަމަ، ގަސްތުގަވެސް އެބަ ވަދޭ ބައެއް ފަރާތްތަކުން، އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގަ، އެހެން ވެއްޖާ އިތުރިު ޗޮއިސްއެއް ނީންނާނެ މީގަ،
ފޯކައިދޫ ކައުންސިލް ރައީސް

މިވަގުރު ފޯކައިދޫގައި 5 ގެ އެއްގައި މީހުން ކަރަންޓީން ވެފައި ތިބިއިރު، އެ ރަށުގެ ސިއްހީ މަރުކަޒުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، އެ ރަށުގައި ކަރަންޓީނު ކުރެވިފައި ތިބޭ މީހުން ކައިރިއަށް އަދި ގޭގެއަށް މާބޮޑު ކަމަކަށް ނަހަދާ ބައެއް މީހުން ޒިޔާރާތް ކުރާކަން ފާހަގަ ވެފައިވާ ކަމަށެވެ.

އަދި ކުޑަކުދިން ވެސް އެފަދަ ގޭގެއަށް ވަންނަ ކަމުގެ ޝަކުވާ ލިބޭ ކަމަށާއި އެއީ ވަރަށް ދެރަ އަދި އެހާމެ ނުރައްކާތެރި ކަމެއް ކަމަށް ވާއިރު، އެޗްޕީއޭގެ އުސޫލުތަކާ ހިލާފުވެ އެފަދަ ކަމެއް ކުރިކަން ޔަގީންންވެއްޖެ ނަމަ ޖޫރިމަނާ ކުރުމާއެކު އެމީހަކު ކަރަންޓީނު ކުރެވޭނެ ކަމަށެވެ.

ފޯކައިދޫ އިން ޕޮޒިޓިވް ކޭސް އެއް ފެނިފައި ނުވި ނަމަވެސް އަތޮޅު ތެރޭގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 35 ރަށަކާއި 22 ރިސޯޓެއް ވެއެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ށ. އަތޮޅުން ޅައިމަގާއި ފީވަށް، ނ. އަތޮޅުން މިލަދޫއާއި ކުޑަފަރިއާއި މާޅެންދޫ، ބ. އަތޮޅުން ހިތާދޫއާއި ތުޅާދޫއާއި އޭދަފުށި، ރ. އަތޮޅުން ރަސްމާދުއާއި އިނގުރައިދޫއާއި ދުވާފަރާއި، ކިނޮޅަސް، ޅ. އަތޮޅުން ނައިފަރާއި ކުރެންދޫއާއި ކ. އަތޮޅުން ދިއްފުއްޓާއި ތުލުސްދޫއާއި ހިންމަފުއްޓާއި މާފުށި، އއ އަތޮޅުން މަތިވެރި، ފ. އަތޮޅުން ބިލެއްދޫއާއި ނިލަންދޫއާއި ދަރަބޫނދޫ، ދ. އަތޮޅުން ކުޑަހުވަދޫއާއި މީދޫ، ލ. ފޮނަދޫ އާއި ގަން، ގއ. އަތޮޅުން ވިލިނގިލި، ގދ. އަތޮޅުން ފަރެސްމާތޮޑާއާއި ހޯޑެއްދޫއާއި ތިނަދޫ، ސ. އަތޮޅުން ފޭދުއާއި ގަމާއި، ހިތަދޫ އަދި މަރަދޫއެވެ.

މި ރަށްރަށުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯޑެއްދޫ އާއި ގދ. މަޑަވެލި އެކަނި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެކްޓިވް ކޮވިޑް ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަމުން ދަނީ ބ އަތޮޅު ކޮވިޑް ފެސިލިޓީ އާއި ލ ގަން ކޮވިޑް ފެސިލިޓީގެ އިތުރުން ގއ. ވިލިގިނލި ކޮވިޑް ފެސިލިޓީއެވެ.