ކޮވިޑް-19 ހުއްޓުވަން ފިޔަވަޅު އަޅާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެގެން ކަމަށް ނަހަދާ އަމިއްލައަށް އަޅާ ފިޔަވަޅަކަށް ހެދުމަށް ޑރ. ޝީނާ މޫސާ އިލްތިމާސް ކުރައްވައިފިއެވެ.

"ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާތަކުން އިސްނަގައިގެން ކުރިއަށް ގެންދާ ގައުމީ ކެމްޕޭނުގެ ދަށުން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ ކޮވިޑު ހުއްޓުވުމުގައި ނުވަތަ ކޮންޓްރޯލް ކުރުމުގައި ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް އެބަ އޮތް ކަމަށާއި އެ ޒިންމާއަކީ ކޮވިޑާ ގުޅިގެން އަޅާ ފިޔަވަޅުތައް އަޅަނީ އެޗްޕީއޭއިން ބުނާތީ ކަމަށް ނުހަދާ އަމިއްލައަށް ކުރާ ކަމެއްގެ ގޮތުގައި ކުރުން ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައި ވަނީ ބައިކުޅަބައި ފިޔަވަޅުތަކެއް ކަމަށާއި މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ނަތީޖާ ފެންނަލެއް ލަސްވާނެ ކަމަށެވެ.

އެ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ދުވަސް ނަގާނެ ކަމަށާއި މިހާރު ރާއްޖޭގައި އަޅާގައިވާ ފިޔަވަޅުތަކަކީ ކޮވިޑް ބަލީގައި މަރުވާ މީހުންގެ ނިސްބަތް މަދުކުރުމަށް އިސްކަންދީގެ އަޅާފައިވާ ފިޔަވޅުތަކެއް ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ބޮޑުތަނުން ދަށްވާ މިންވަރު ނުފެންނަ މައިގަނޑު ސަބަބަކީ އެއީ ކަމަށްވެސް ޑރ. ޝީނާ ވިދާޅުވިއެވެ.

މިހާރު އަމާޒަކަށް ބަލަނީ ވީހާވެސް ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރުން، ސިއްހީ ނިޒާމުން އެ މީހުންނަށް ފަރުވާ ދީގެން އެއާ އެއްކޮން މުޖުތަމައުވެސް ފަންކްޝަން ކުރަމުން ދިއުން.
ޑރ. ޝީނާ

މީގެ އިތުރުން ޑރ. ޝީނާ ވިދާޅުވީ ކޮވިޑަށް ވެކްސިނެއް ލިބުމާ ހަމައަށް ކޮންޓްރޯލް ކުރަން އުނދަގޫ ވާނެ ކަމަށާއި އެގޮތުން ރާއްޖޭގައި ކުރިން ކޮންޓްރޯލް ކުރި ގޮތަށް މި މަހުގެ ފަހުކޮޅަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު މަދުކުރެވޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ ހާލަތު ފެންނަނީ ރަނގަޅަށް ނޫން ކަމަށާއި އެގޮތުން ދޭތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވެދާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް އިތުރުވަމުން ދާއިރު، މިއަދުވެސް 98 މީހަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8584 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވެފައި ވަނީ 114 މީހުން ކަމަށް އެޗްޕީއޭން ބުނެއެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 5936 އަށް އަރާފައެވެ.

މިހާރު ހޮސްޕިޓަލުގައި 147 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1143 މީހަކު އެބަ ތިއްބެވެ. މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 29 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވްވެފައި ވަނިކޮށް 6 މީހަކު ނިޔާވެފައިވައިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.