ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ، ރައީސް ސޯލިހްގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކޯތު އަމުރެއްގެ ދަށޫން މިއަދުގެ ވަގުތެއްގައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ނަލް13 އިން މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި، ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ހަށިކޮޅުގައި ހުޅުޖަހަން މީހަކު ވަނީ ގޮވާލާފައެވެ.

އެމައްސަލަ އާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ރައީސް ސޯލިހްގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ވާހަކަ ޗެނަލް13 އިން ލައިވް ކޮށްފައިވާތީ، ކޮމިޝަންގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެން، ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމަށެެވެ.

އެވާހަކަ ބްރޯޑްކާސްޓް ކުރެވުނީތީ، ޗެނަލް13 އިން ވަނީ މާފަށް އެދިފައެވެ.

ޗެނަލް13 ގެ ޕްރޮގްރާމް ތަކުގައި ބޭނުންކުރާ ބަސްމަގު މުޖުތަމައުގެ އަދަބާއި އަހުލާގުގެ މިންގަނޑަށް ފެއްތުމަށް މީގެ ކުރިން ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ޗެނަލް13 އަށް އަންގާފައެވެ.