ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ދިގު މުއްދަތެއްވަންދެން ކުރައްވާފައިވާ އަދި ރާއްޖޭގެ މީޑިއާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަލްމަރުހޫމް ހިސައިން މުހައްމަދުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސޮއިކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން މަޖިލީހުގެ އިދާރާގައި ބާއްވާފައިވާ ތައުޒިޔާގެ ދަފުތަރާއި ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) އަށް ވަޑައިގެން ހުސައިން މުހައްމަދުގެ ހަނދާނުގައި އެ ތަނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ވެސް ސޮއިކުރައްވާފައި ކަމަށެވެ.

ހުސައިން މުހައްމަދުގެ ހަނދާނުގައި ޕީއެސްއެމް ގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސްގެ ނައިބު ފައިސަލް ނަސީމު ވެސް ވަނީ މިއަދު ސޮއިކުރައްވާފައެވެ.

ހުސައިން މުހައްމަދަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވިދިވިދިގެން ތިން ދައުރެއްގައި ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން، ސަރުކާރަށް 28 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި އަދި ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ.

މެދުނުކެނޑި ތިން ދައުރު މަޖިލީހުގެ މެންބަރުކަން ކުރެއްވި، ހުސެއިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް މި މަހުގެ ތިން ވަނަ ދުވަހު ރެއެވެ.