ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ މިއަދު ނިންމާލައިފިއެވެ.

މިއަދުގެ ޖަލްސާގައި ގިނަ ބިލުތަކަކަށް ވޯޓަށް ވަނީ އަހާފައެވެ. އޭގެ އިތުރުން މިއަދުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ވަނީ ދީފައެވެ.

ހަމައެހެންމެ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ކަމަށް މ. ފަލްކަންގެ، މުހައްމަދު ނާސިހު އަދި ނައިބު ރައީސް ކަމަށް ރ. މީދޫ ބްލެކް، އިބްރާހީމް ރަޝީދު ކަނޑައަޅާފައިވާއިރު ސުޕްރީމް ކޯޓުގެ ހުސްވެވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ޑރ. މުހައްމަދު އިބްރާހިމާއި، އަލީ ރަޝީދު ހުސައިން އައްޔަނު ކުރުމަށް ފެންނަ ކަމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

އޭގެއިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުންގެ މަގާމުތަކަށް އައްޔަންކުރުމަށް 3 ފަރާތަކަށް ވަނީ ރުހުންދީފައެވެ. އެގޮތުން ރުހުން ދީފައިވާ 3 ފަރާތަކީ އާމިނަތު ޝަފާއަތު އަބްދުއްރައްޒާގާއި, މުއުމިނާ ވަހީދު އަދި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މިދައުރަށް މަޖިލިސް ޗުއްޓީއަށް ދާންޖެހޭ ދުވަހަކީ އޮގަސްޓްމަހުގެ 29 ވަނަ ދުވަހެވެ. ނަމަވެސް މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ކުރަން ހުރުމުން މަޖިލިސް ރައީސް ވަނީ މިހަފްތާ ނިމެންދެން މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.

މަޖިލީހުގެ ތިން ވަނަ ދައުރު ފެށޭނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުދަ ދުވަހުއެވެ. އެހެން ނަމެވެސް މެމްބަރުން ބޭނުން ވެއްޖެ ނަމަ ދައުރު ދިގު ދެމުމާމެދު ގޮތެއް ނިންމުމުގެ ބާރު މެމްބަރުންނަށް އޮވެއެވެ.