ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ހ. ޖެހޭވައި، އިބްރާހިމް ޝަހީބު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ޝަހީބު އައްޔަނުކުރުމާއި ގުޅޭގޮތުން ވޯޓަށް އަހާފައި ވާއިރު ޝަހީބު ސިންފަޕޫރުގައި ހުންނަ ސަފީރު ކަމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 58 މެމްބަރުންނެވެ.

ޝަހީބު ސިންގަޕޫރުގެ ސަފީރުކަމަށް އައްޔަނުކުރުމުގެ މައްސަލަ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށްފައިވާއިރު އެކޮމިޓީން ވަނީ އެމަގާމަށް ޝަހީބު އައްޔަނުކުރަން ފެންނަ ކަމަށް ނިންމާފައެވެ.

ޝަހީބަކީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި ހުންނެވި ފަރާތެކެވެ. އޭގެ އިތުރުން ޝަހީބު ވަނީ ސަރުކާރުގެ ބައެއް އޮފީސްތަކުގައި އިސް މަގާމުތަކެއް ފުރުއްވައިފައި ފަރާތެކެވެ. އަދި ޝަހީބަކީ ހާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ.

ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް ޝަހީބު އައްޔަނު ކޮށްފައިވަނީ ކުރިން އެމަގާމުގައި ހުންނެވި ޑރ އަބްދުﷲ މައުސޫމް ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަނު ކުރެއްވުމާ ގުޅިގެންނެވެ.