ރާއްޖޭގައި ކޮވިޑް-19 ފެތުރުނު މިނަވްރު ބެލުމަށް އެންޓިބޮޑީ ޓެސްޓު ހައްދައިގެން ކުރާ ދިރާސާއެއް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، އެންޓިބޮޑީ ޓެސްޓު ހައްދައިގެން ކުރާ ދިރާސާއެއް ކުރުމަށް ތަކެތި ހޯދާ، ސްޓަޑީ ޕްރޮޕޯޒަލް ތައްޔާރުކޮށް ހެލްތް ރިސާޗް ޕްރޮޕޯސަލް ހުށަހެޅުން ފަދަ ތައްޔަރީތައް ވަމުންދާ ކަމަށެވެ.
ނަމަވެސް މި ދިރާސާ ކުރިއަށް ގެންދާނީ، މިހާރު އޮތް އައުޓްބްރޭކް ކޮންޓްރޯލް ކުރެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ މިހާރު ރާއްޖެ މިއޮތީ ޕީކްގެ މެދުގައި ކަމަށްވުމުން މިހާރު އެންމެ ބޮޑަށް ސަމާލުކަން ދީފައި ވާނީ އައުޓްބްރޭކް ކޮންޓްރޯލް ކުރުމަށް ކަމަށެވެ.
މީގެ ކުރިން ވެސް ވަނީ އެންޓިބޮޑީ ޓެސްޓުކޮށްގެން ރާއްޖޭގައި އުޅޭ ބިދޭސީންގެ މެދުގައި ބަލި ފެތުރިފައިވާ މިންވަރު ބަލާފައެވެ. އެގޮތުން އޭރުގެ ނަތީޖާ ތަކުން ދައްކަނީ ޓެސްޓުކުރި މީހުންގެ 75 ޕަސަންޓް މީހުންނަށް ބަލި ޖެހި ރަނގަޅުވެފައިވާ ކަމަށެވެ.
ދުނިޔޭގެ ގިނަ ސަރަހައްދަކަށް ފެތުރިފައިވާ ކޮވިޑް-19 އަކީ މިހާތަނަށް އެއްވެސް ވެކްސިނެއް ހޯދިފައިވާ ބައްޔަކަށް ނުވާ އިރު ކުރިއަރާފައި ވާ ގައުމުތަކުން ދަނީ ބަލި ޖެހި ރަނގަޅުވާ މީހުންގެ ލޭގައި ބައްޔަށް ހަނގުރާމަ ކުރާ އެންޓިބޮޑީޒް ހުރިތޯ ބަލާ އެއިން ބަލީގެ ފަރުވާ ހޯދުމަށް ދިރާސާތައް ކުރަމުންނެވެ.
ސެރޯލޮޖީ ޓެސްޓު ފަރުމާކޮށްފައި ވަނީ އެ ޕޭޝަންޓްއަކީ ކޮވިޑް-19 ޖައްސާ ވައިރަސް (ސާސް-ކޯވް-2)އަށް ހުށަހެޅިފައިވާ މީހެއްތޯއާއި، އެމީހެއްގެ ހަށިގަނޑުން އެ ވައިރަހާ ދެކޮޅަށް އެންޓިބޮޑީ އުފައްދާފައި ވޭތޯ ދެނެގަނެވޭ ފަދަ ގޮތަކަށެވެ. އެންޓިބޮޑީޒް އުފައްދާފައި ވާކަން ދެނެގަނެވުމަކީ، ވައިރަހާ ދެކޮޅަށް އެމީހެއްގެ ހަށިގަނޑުން ދިފާއު ހޯދާފައި ވާކަން އަންގައިދޭނެ ކަމެކެވެ. އެންޓި ބޮޑީޒް އަކީ، ވައިރަސް ޖެހުމުން އެ ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ސެލްތަކުން އުފައްދާ ވައިރަސް ބަލިކޮށްލާ ޕްރޮޓީން އެކެވެ.