ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހިންގާ ކޮމިޓީއަށް މެމްބަރުން ހޮވައިފިއެވެ.

މިއަދު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އެމްޖޭއޭގެ ރައީސް ކަމުގެ މަގާމާއި ނައިބު ރައީސް ކަމުގެ މަގާމާއި ޖެނަރަލް ސެކެރެޓަރީގެ މަގާމާއި، ބަޖެޓް ސެކެރެޓަރީގެ މަގާމުގެ އިތުރުން އެކްސްކޯގައި ހިމެނޭ އާންމު 2 މެމްބަރުން ވަނީ ހޮވާފައެވެ.

އެގޮތުން އެމްޖޭއޭގެ ރައީސް ކަމަށް ހޮވާފައިވަނީ މިހާރު ނޫހުގެ ޖާނަލިސްޓް މުހައްމަދު ހަމްދޫންއެވެ. ނައިބް ރައީސް ކަމަށް ހޮވިފައި ވަނީ ވަން މީޑިއާ ގުރޫޕްގެ މެނޭޖިން އެޑިޓަރު އަލީ ރިފްޝާންއެވެ.

ޖެނަރަލް ސެކެޓެރީގެ މަގާމަށް ހޮވިފައި ވަނީ ސަން މީޑީއާ ގުރޫޕްގެ މެނޭޖިން އެޑިޓަރު އަހްމަދު ނާއިފްއެވެ. ބަޖެޓް ސެކެރެޓެރީގެ މަގާމަށް ހޮވިފައި ވަނީ ޖަޒީރާ ނޫހުގެ ޖާނަލިސްޓް ނާޒިމް ހަސަންއެވެ. އާންމު 2 މެންބަރުންނަށް ހޮވާފައި ވަނީ ސީއެންއެމްގެ ޑެޕިއުޓީ ޑެސްކް އެޑިޓަރު ފާތިމަތު ސާޔާ އަހްމަދާއި ފްރީލާންސަރެއްގެ ގޮތުގައި މަސައްކަތް ކުރާ މުހައްމަދު ޖުނައިދު ސަލީމްއެވެ.

އެމްޖޭއޭއަކީ 2009 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. ދަޕްރެސް ގެ އެޑިޓަރު އަލީ ސަމްއާން އާއި ސަން އޮންލައިންގެ އެޑިޓަރު ހިރިގާ އަހުމަދު ޒާހިރާއި، ރަސް އޮންލައިންގެ އެޑިޓަރު މިދުހަތު އާދަމުގެ މަސްއޫލުވެރިކަމުގައި އުފަން ކުރި ޖަމްއިއްޔާއިން ވަނީ ގިނަ އަދަދެއްގެ ދިވެހި ނޫސްވެރިންނަށް ތަމްރީނުގެ ފުރުސަތު ހޯދައި ދިނުމުގެ އިތުރުން، މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތުވެސް ހޯދައި ދީފައެވެ. އަދި ނޫސްވެރިންނަށް ދިމާވާ އެކިއެކި ކަންކަމުގައި އަޑު އުފުލުގެ އިތުރުން، ނޫސްވެރިންގެ މައްޗަށް އަބުރުގެ ދައުވާ ކުރާ ގޮތަށް އޮތް އަބުރުގެ ގާނޫނު އުވާލުމަށް ވަކާލާތު ކުރުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުތައް ވުޖޫދަށް ގެނައުމަށް މަސައްކަތް ކޮށްފައި ވެއެވެ.

ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އެމްޖޭއޭގެ އާ ހިންގާ ކޮމިޓީއަށް ހޮވުނު ފަރާތްތަކަށް "ދަ ޕްރެސް" ގެ ފަރާތުން މަރުހަބާ ކިޔަމެވެ.