ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލައި ޗެނަލް13 އިން އިއްޔެ ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ދެއްކި ވާހަކަތަކަކާ ގުޅިގެން އެ މައްސަލަ ބަލާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ ރައީސް ސޯލިހްގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ވާހަކަ ޗެނަލް13 އިން ލައިވް ކޮށްފައިވާތީ، ކޮމިޝަންގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެން، ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމަށެެވެ.

އެކަމާ ގުޅިގެން ޗެނަލް13 އިން ވަނީ މާފަށް އެދިފައެވެ. އެގޮތުން ޗެނަލް13އިން ބުނީ، އިއްޔެ މެންދުރު 1:00 ގައި އެ ޗެނަލުން ބްރޯޑްކާސްޓު ކުރި "ރައްޔިތުންގެ އަޑު" ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ޗެނަލް 13އިން ލައިވް ކޮށްފައިވާތީ، ކޮމިޝަންގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެން، ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމުގައި ދަންނަވަމެވެ
ބްރޯޑްކޮމް

އެމީހާއެހެން ބުނުމާއެކު ޗެނަލް13 އިން ވާނީ ވަގުތުން އެ ފޯނު ކޯލު މެދުކަނޑާލާފައި ކަމަށާއި އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައި ވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ ޗެނަލް13 އަކީ އަނިޔާވެރިކަމާއި، އާންމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫން ކަމަށާއި ކުރިޔަށް އޮތް ތަނުގައިވެސް އެފަދަ ކަންކަމަށް ހިތްވަރު ދީ، ގާނޫނާ ހިލާފް ކަންކަން ކުރުމަށް އެ ސްޓޭޝަނުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކީ ލައިވްކޮށް "ޗެނަލް13"ގެ "ރައްޔިތުންގެ އަޑު" ނަމަކަށް ކިޔާ ޕްރޮގްރާމެއްގައި ބައިވެރިވި އާންމު ރައްޔިތަކު، ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅު ޖަހަން ފެންނަ ކަމަށް ބުނާ ވީޑިއޯ އެކެވެ. އެ ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެކަން ކުށްވެރިކޮށް އެކަމަށް ފާޑު ކިޔަމުންނެވެ.

ޗެނަލް13 ގެ ޕްރޮގްރާމް ތަކުގައި ބޭނުންކުރާ ބަސްމަގު މުޖުތަމައުގެ އަދަބާއި އަހުލާގުގެ މިންގަނޑަށް ފެއްތުމަށް މީގެ ކުރިން ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ޗެނަލް13 އަށް އަންގާފައެވެ.

އެގޮތުން ޗެނަލް13 އިން ގެނެސްދިން "މަޑިސީލަ" ޕްރޮގްރާމް، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން މެދުކަނޑާލުމަށް ވެސް އެކޮމިޝަނުން ވަނީ އެޗެނަލް ހިންގާ މީޑިއާ ރިންގް ޕްރައިވެޓު ލިމިޓެޑަށް އަންގާފައެވެ.