ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ހަށިކޮޅުގައި ހުޅުޖަހަން ޖެހޭ ކަމަށް މީހަކު ބުނި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހްގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަން ފަށާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކީ ލައިވްކޮށް "ޗެނަލް13"ގެ "ރައްޔިތުންގެ އަޑު" ނަމަކަށް ކިޔާ ޕްރޮގްރާމެއްގައި ބައިވެރިވި އާންމު ރައްޔިތަކު، ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅު ޖަހަން ފެންނަ ކަމަށް ބުނާ ވީޑިއޯ އެކެވެ.

އެ ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެކަން ކުށްވެރިކޮށް އެކަމަށް ފާޑު ކިޔަމުންނެވެ.

ޗެނަލް13 ގެ ޕްރޮގްރާމް ތަކުގައި ބޭނުންކުރާ ބަސްމަގު މުޖުތަމައުގެ އަދަބާއި އަހުލާގުގެ މިންގަނޑަށް ފެއްތުމަށް މީގެ ކުރިން ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ޗެނަލް13 އަށް އަންގާފައެވެ.

އެގޮތުން ޗެނަލް13 އިން ގެނެސްދިން "މަޑިސީލަ" ޕްރޮގްރާމް، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން މެދުކަނޑާލުމަށް ވެސް އެކޮމިޝަނުން ވަނީ އެޗެނަލް ހިންގާ މީޑިއާ ރިންގް ޕްރައިވެޓު ލިމިޓެޑަށް އަންގާފައެވެ.