ދިވެހިރާއްޖޭގައި ރާއްޖެ ނޫން އެހެން އެއްވެސް ގައުމެއްގެ ސިފައިން ތިބެން ނުޖެހޭނެ ކަމަށް އިދިކޮޅު ކޯލިޝަން، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން ވިދާޅުވީ އަލިރަސްގެފާނާއި ޝަހީދު ހުސައިން އާދަމާއި އުތީމު ތިން ބަދަވީން އަދި ދޮންބަންޑާރައިން ޖިހާދު ކުރެއްވީ މި ގައުމުގެ މިނިވަން ކަމާއި އިސްތިގުލާލު ހިމާޔަތް ކުރެއްވުމަށް ކަމަށެވެ. އަދި ދިވެހިން އަބަދުވެސް ތިބޭނީ ގައުމުގެ އިސްތިގުލާލުގެ ހައްގުގައި ޖިހާދު ކުރުމަށާއި ޝަހީދު ވުމަށް ތައްޔާރަށް ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖޭގައި ބޭރު އެއްވެސް ގައުމެއްގެ ސިފައިން ތިބެން ނުޖެހޭ ކަމަށެވެ.

ޣައްސާން އެފަދައިން ވިދާޅުވެ ވާހަކަ ދައްކަވާފައި މިވަނީ، މި ފަހުން ސޯޝަލް މީޑިއާގައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލަމުމްދާ ދުވަސްވަރެއްގައެވެ.

އިންޑިއާއިން ރާއްޖެއަށް އަތް ގަދަ ކުރާ ކަމަށް ބުނެ މިފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުންވެސް ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އިދިކޮޅު ކޯލިޝަނުން ވަނީ "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" މާލޭގައި ސައިކަލް ބުރެއް ބާއްވާ، ރާއްޖޭގެ އެކި ސަރަހައްދުގައި އިހުތިޖާޖު ކޮށްފައެވެ.

ގައުމީ ސަލާމަތަށް ނުރައްކާ ވާ ހިސާބަށް ބައެއް ކަންކަން ގޮސްފައިވާ ކަމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ބުނެފައި ވާއިރު، އިންޑިއާއިން ރާއްޖެއަށް ޑޯނިއާ މަތިންދާ ބޯޓެއް ހަދިޔާ ކުރާ ވާހަކަ އަކީ އަޑުގަދަކޮށް ދެކެވިގެން ދިޔަ ވާހަކައެކެވެ.