މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ހިޔާ ފްލެޓުތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން، އެކުންފުނީގެ 72 މީހަކަށް ފްލެޓު ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެބްޑަބްލިއުއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ފްލެޓަށް ކުރިމަތިލީ 72 މުވައްޒަފުންގެ ފޯމު އިވެލުއޭޓުކޮށް، އެ މުވައްޒަފުންނަށް ފްލެޓު ލިބޭނެކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ. އަދި އެ 72 މުވައްޒަފުން ކުރިމަތިލާފައި ހުރީ ދެ ރޫމާއި ތިން ރޫމްގެ އެޕާޓުމެންޓުތަކަށް ކަމަށް ވެސް ޝާހު ވަނީ ވިދާޅުވެފައެވެ.

ޝާހު ވިދާޅުވީ އަދިވެސް ކުންފުނީގެ މުވައްޒަފުންނަށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެކުންފުނިން ވަނީ 384 އެޕާޓްމަންޓް ހިމެނޭ 15 ބުރީގެ ދެ ޓަވަރު އެޅުމަށް ނިންމާފަ އެވެ.

މި 15 ބުރީގެެ ދެ ޓަވަރުގެ ތެރެއިން އަޅުގަނޑުމެން މިހާރު މަސައްކަތް ފެށީ ފުރަތަމަ އެއް ޓަވަރު ނިންމަން. މި ޕްރޮޖެކްޓު ކުރިއަށް މި ގެންދަނީ އެމްޑަބްލިއުއުއެސްސީގެ ކޭޝްފްލޯއިން އެމްޑަބްލިއުއެސްސީގެ އޯން ފައިނޭންސްގައި. އެ ގޮތުން މި ޕްރޮޖެކްޓުގެ މިހާރު ވަނީ ސްޓްރަކްޗާ އެއްކޮށް ނިމިފައި
މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު

އެމްޑަބްލިއުއެސްސީގެ ފުރަތަމަ ޓަވަރުގެ ސްޓްރަކްޗާ ނިންމައި ރޭނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެ ޝާހު ވިދާޅުވިއެވެ. އަދި މިހާރު 55 ޕަސެންޓާ 60 ޕަސެންޓާ ދެމެދަށް މަސައްކަތް ނިމިފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވިގޮތުގައި ކުންފުނީގެ ޓަވަރުތައް އަޅާ ސަރަހައްދަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މުހިންމު ސަރަހައްދެއް ކަމަށެވެ. އަދި ޓަވަރުތަކުގައި ހުންނަ އެޕާޓުމެންޓުތަކަކީ ސައިޒުގެ ގޮތުން ތަނަވަސް ތަންތަނަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެއް ކޮޓަރީގެ އެޕާޓުމެންޓުތަކުގެ ބޮޑުމިން 393.95 އަކަފޫޓާއި 405.18 ދެމެދުގައި ހުންނާނެއެވެ. ދެ ކޮޓަރީގެ އެޕާޓުމެންޓު ތަކުގެ ސައިޒު، 692.63 އަކަފޫޓާއި 702.08 އަކަފޫޓާ ދެމެދު ހުންނާނެއެވެ. ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގެ ސައިޒު އުޅެނީ 734 އަކަ ފޫޓާއި 720.08 އަކަފޫޓާ ދެމެދުއެވެ.

ޝާހު ވިދާޅުވީ ފްލެޓު ލިބޭ މުވައްޒަފުންނަށް ފްލެޓަށް ފައިސާ ދެއްކުމުގެެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ ވާހަކަ ދައްކަމުން ގެންދާކަމަށެވެ. އަދި އެކަމަށް ކުރިއެރުންވެސް ލިބެމުން އަންނަ ކަމަށެވެ.