ދިވެހިންނަށް ތަނަވަސްކަން ހޯދޭނީ ދިވެހި-އިންޑިއާ ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދިވެހި-އިންޑިއާ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިގައި ވަނީ އެ ގުޅުމުގެ ސަބަބުން ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ ދހިވެހިންގެ ތަނަވަސްކަން ހޯދޭނީ ވެސް އެ ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމްޑީޕީގެ ވަޒީރުން ރާއްޖެއާއި އިންޑިއާއާ އޮންނަ ގުޅުން ދަމަހައްޓާނެ ކަމީ އެމަނިކުފާނު ޝައްކު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު، މިފަހަކަށް އައިސް ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްވިޓާގައި ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުންނާއި އެކްޓިވިސްޓުން ގެންދަނީ އިންޑިއާއާއެކު އޮންނަ ގުޅުމާ ބެހޭ ގޮތުން ޓްވީޓް ކުރަމުންނެވެ. އެފަރާތްތަކުން މިފަދައިން ޓްވީޓްކުރަނީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ގިނަ ބަޔަކު ޓްވީޓް ކުރަމުން ދިއުމާ ގުޅިގެން ކަމަށް ބެލެވެއެވެ.

ސަރުކަރުން ދަނީ ރާއްޖެ އިންޑިއާއަށް ވިއްކާލުމަށް މަސައްކަތް ކުރަމުން ކަމަށް ބުނެ ދާދި ފަހުން އިދިކޮޅުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ރާއްޖެ ވިއްކާލުމާ ދެކޮޅަށް މުޒާހަރާވެސް ކޮށްފައެވެ.