ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިތާ ދެވަނަ މަސް، އޮގަސްޓްމަހު އެވްރެޖްކޮށް ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 218 ފަތުރުވެރިން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އޮގަސްޓް 20 ވަނަ ދުވަހެވެ. އެދުވަހު 373 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ މަދުން ފަތުރުވެރިން އައިސްފައި ވަނީ އޮގަސްޓް 12ގައެވެ. އެދުވަހު ރާއްޖެ ޒިޔާރަތް ކުރީ އެންމެ 71 ފަތުރުވެރިންނެވެ.

އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމުތައް:

  • އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) - 1627
  • ޔުނައިޓެޑް ކިންގްޑޮމް (ޔޫކޭ) - 715
  • ޔުނައިޓެޑް ސްޓޭޓްސް (ޔޫއެސް) - 674
  • ސްޕެއިން - 513
  • ރަޝިއަން ފެޑެރޭޝަން - 423
  • ޖާމަނީ - 306
  • ފްރާންސް - 301
  • ޔޫކްރެއިން - 252
  • އިޖިޕްޓް - 179
  • ބްރެޒިލް - 168

މިދިޔަ އޮގަސްޓްމަހު އެވްރެޖްކޮށް 218 ފަތުރުވެރިން ރާއްޖެ އައިސްފައިވައިރު، ޖުލައި މަހު އެވްރެޖްކޮށް ރާއްޖެ އައީ 100 ފަތުރުވެރިންނެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ހަތަރު މަސް ވަންދެން ރާއްޖޭގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. ޓޫރިޒަމް މުޅިން ހުއްޓާލާފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވައިލީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ރިސޯޓުތައް ހުޅުވާލައިގެން ފަތުރުވެރިކަން ކުރިއަށް ގެންދަން ފަށާފައި އޮތް ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ގެސްޓް ހައުސްތައް ހިންގަން ފަށަން ކުރިން ނިންމާފައި ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ހަމައެއާއެކު، މިމަހު 10 އަކުން ފެށިގެން ފަތުރުވެރިންނަށް ރާއްޖެ އާދެވޭނީ ކޮވިޑް-19 އަށް ނެގެޓިވް ވުމުން ކަމަށް ނިންމާފައެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ، މިމަހު 10 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންނާއި ކުރު މުއްދަތަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ރާއްޖެ އެތެރެވެވޭނީ ކޮވިޑް-19 އަށް ޓެސްޓުކޮށް، ނެގެޓިވް ޕީސީއާރް ޓެސްޓެއްގެ ނަތީޖާ ދެއްކުމުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ކަމަށެވެ.