ރާއްޖޭގައި މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭނަމަ 5،000 ރުފިޔާއިން ޖޫރިމަނާއެއް ހިމަނައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން އާންމު ކޮށްފައިވާ މަސްވެރިކަމުގެ އާއްމު ގަވާއިދުގައި ބުނީ ހުއްދައާ ނުލާ އުޅަނދު ފަހަރުގައި ބިދޭސީން ގެންގުޅޭނަމަ މަސްވެރިކަން ކުރުމުގައި ގަވާއިދާ ހިލާފުވެފައިވާކަމަށް ކަނޑައަޅާ، ނުގަވައިދުން ގެންގުޅޭ ކޮންމެ ބިދޭސީއަކަށް 5،000 ރުފިޔާގެ ޖޫރިމަނާކުރާނެ ކަމަށެވެ.

މަސްވެރިކަން ކުރާ އުޅަނދުތަކުގައި ބިދޭސީންނަށް ހަރަކާތްތެރި ވެވޭނީ، އެ ކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ވަކި އުޅަނދެއްގައި އެ މަސައްކަތް ކުރުމަށް ވޯކްޕާމިޓް ނުވަތަ އެ މަސައްކަތް ކުތުމުގެ ހުއްދަ ލިބިގެން ކަމަށް ބަޔާންކޮށްފަ ވެއެވެ.

އެ މިނިސްޓްރީން ވަނީ މީގެ އިތުރުންވެސް ޖޫރިމަނާ ތަކެއް ހިމަނާގަ އެވެ. އެގޮތުން ފީނުމުގެ ސެޓްފިކެޓުނެތް ފަރާތެއް އެފަދަ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ 5،000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅާފައިވެއެވެ. އަދި އެފަދަ ކަމަކުން މީހެއްގެ ފުރާނައަށް ގެއްލުންވެއްޖެނަމަ އެއް ލައްކަ ރުފިޔާގެ ޖޫރިމަނާއަކާއެކު ޖިނާއީ ތަހުގީގެއް ކުރުމަށް އެދުމުގެ ބާރު އެ މިނިސްޓްރީއަށް ލިބިގެން ވެއެވެ.

ހަމަ އެހެންމެ ބޮޑު ދަލު، އޮޔާދާ ދަލު އަދި ދަމާ ދަލުގެ މަސްވެރިކަން ކުރާނަމަ ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއި، ގޮވާ އެއްޗެއް ނުވަތަ ވިހައެއް ބޭނުންކޮށްގެން މަސްވެރިކަން ކުރާނަމަ އެއް ލައްކަ ރުފިޔާގެ ޖުރިމަނާއެއް ހިމަނައިފަ ވެއެވެ.

މަސްވެރިކަމުގެ އާ ގާނޫނުގެ ދަށުން ހަދަންޖެހޭ ހުރިހާ ގަވައިދެއް މިހާރު ގެޒެޓު ކޮށްފައި ވާއިރު، އެ ގަވައިދަކީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ހެދުމަށް ނިންމާފައިވާ ގަވައިދެކެވެ. ނަމަވެސް ގަވައިދު ހެދުން ލަސްވެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ޒިންމާ އަދާ ނުކުރެއްވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ނުސީދާ ގޮތެއްގައި ވަނީ އިންޒާރެއް ދެއްވައިފައެވެ.