ކޮވިޑާ ގުޅޭގޮތުން ރާއްޖޭގެ ހަގީގީ މަންޒަރު، އަދިވެސް ގިނަ މީހުންނަކަށް ނޭނގޭ ކަމަށާއި، ރާއްޖޭގެ ހާލަތު ރަނގަޅަށް ބުނެ ނުދެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މީޑިއާތަކުން ފެށި "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ފެށި ކެމްޕޭން އިފްތިތާހުކޮށް ވާހަކަދައްކަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގެ ރަށްތަކަށް އާބާދީ ބެހިފައިވާ ގޮތަށާއި، ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީ ކުރެވިފައި އޮތް ގޮތަށް ބަލާއިރު، ޗުއްޓީ ހޭދަކުރާ މީހުންނަށް، އެންމެ އަމާން، އެންމެ ރައްކާތެރި އެއް މަންޒިލަކީ އަދިވެސް ރާއްޖެކަން ޔަގީން ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި، ކޮމިޔުނިޓީ ސްޕްރެޑެއް ނެތް ކަމަށާއި އެހެން ރަށަކުން ބަލިމީހަކު ފެނުނަސް، ސިއްހީ ހިދުމަތްތެރިން އެ އަންނަނީ، ވަރަށް ރަނގަޅަށް އެކަން މޮނިޓާކޮށް ކޮންޓްރޯލް ކުރަމުން ކަމަށެވެ. އަދި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ރިޒޯޓްތަކާއި މީހުން ދިރިއުޅޭ ރަށްތައް މި އޮންނަނީ މުޅިން ވަކިން ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ނަމަވެސް މި މެސެޖް އަދިވެސް ބޭރު ދުނިޔެއަށް ރަނގަޅަށް ނުދެވޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނަށް ވަރަށް ރަނގަޅަށް ސާފުކޮށްދޭންޖެހޭ ކަމެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް، އޮކްޓޫބަރު 15 ވަނަ ދުވަހު، ގެސްޓްހައުސްތައް ހުޅުވައިލުމަށް ތައްޔާރުވަމުން އަންނައިރު، ބޭރު ދުނިޔެއަށް މި މެސެޖް ވަރަށް ރަނގަޅަށް ފޯރުކޮށްދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މީޑިއާތަކުގެ ކެމްޕެއިންގެ ތެރެއިން، މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ، ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ނޫސްވެރިން، އެއް ވިސްނުމެއްގައި އެއް އަޒުމެއްގައި ކަމެއް ކުރަން ތެދުވެއްޖެނަމަ، ވަރަށް ފަސޭހައިން އެކަން ހާސިލުކުރެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އަދި މިއަދުވެސް، މީޑިއާގެ ފަރާތުން އަދި ހުރިހާ ދިވެހި ނޫސްވެރިންގެ ފަރާތުން އެދޭ އެދުމަކީ، ކަންކަމުގެ ހަގީގަތް ނޯޅޭގޮތަށް، ތެދު ހަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މީޑިއާތަކުން ޒިންމާދާރުކަމާއެކު، މިނިވަން ނޫސްވެރިކަމުގެ މަގުގައި ކުރިއަށް ވަޑައިގެން، މިކެމްޕެއިން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.