ރާއްޖޭގެ މާލީ ހާލަތަށް ފާޑު ވިދާޅުވުމުގެ ގާބިލުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތާ ބެހޭގޮތުން މިހާތަނަށް ރައީސަށް ލަފާ އެރުވި ހުރިހާ ފަރާތްތަކަށް ރާއްޖޭގެ ހާލަތު ވަރަށް ރަނގަޅު ކަމަށް އަދި "އާދެ، އެހެންތޯ" އޭ ވިދާޅުވާ ކަމަށެވެ. ނަމަވެސް މިވަރުން ފުއްދާލެވޭ ވަރަށް ވުރެ ރާއްޖޭގެ ހާލަތު ގޯސް ކަމަށް ވިދާޅުވެ ސައީދު ވަނީ ރައީސް ސޯލިހަށް ފާޑު ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ "5 އަހަރު ވެރިކަން ކޮށްފީމޭ" ވިދާޅުވުމަކީ އަދި ޝަރަފެއް ނޫން ކަމަށެވެ.

ސައީދު މިހެން ވިދާޅުވީ، މި މަހުން ފެށިގެން ތިން މަހަށް ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރާނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނިންމުމާ ގުޅިގެންނެވެ.

މި ދުވަސްވަރު ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ޕްރެޝަރު ކުޑަކުރުމަށްޓަކައި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދޭ ޑޮލަރުގެ އަދަދު އޭޕްރިލް މަހާއި މެއި، ޖޫން އަދި ޖުލައި މަހުގެ ތެރޭގައި ވެސް އިތުރުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އެމްއެމްއޭން ބުނީ ބޭންކުތަކުން އެ އޮތޯރިޓީގައި ބަހައްޓަން ޖެހޭ ބޭރު ފައިސާގެ މިނިމަމް ރިޒާވް ވެސް މިހާރު ދެބައިކުޅަ އެއްބައި ނުވަތަ 5 ޕަސެންޓަށް މިހާރު ދަށްކޮށްފައިވާ ކަމަށެވެ.

އެމްއެމްއޭއިން ބުނީ، އެ އެތޯރިޓީއާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށާއި އެ ސްވޮޕްގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އަދި އިންޑިއާ ސަރުކާރުން ރާއްޖެ އަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިން ދިނުމަށް މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެމްއޭން ބުނެއެވެ.

އެ އޮތޯރިޓީން ބުނީ، މިފަދަ އެހީތަކާއި ސަރުކާރާއި އެމްއެމްއޭއާ ގުޅިގެން ބޭރު ފައިސާގެ އެހީ ހޯދުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.