ރައްޔިތުންގެ މަޖިލީހުން މިމަހު 18 ވަނަ ދުވަހު ފާސްކުރި ތިން ބިލެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ސޯލިހް މިއަދު ތަސްދީގު ކުރެއްވީ، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލާއި، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ބިލާއި، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް 4 ވަނަ އިސްހާޅު ގެނައުމުގެ ބިލެވެ.

ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލް

މި ބިލުގައި ރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމަށާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ އަމަލުތަކުގެ ސަބަބުން ގައުމުގެ އިގްތިސޯދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި ކުރެވޭނެ ކަންކަން ބަޔާންކޮށްފައިވެއެވެ. އެގޮތުން، ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި އެފަދަ ވިޔަފާރީގެ އަމަލުތައް މަނާކުރުމާއި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅުއެޅުމާ ގުޅޭ އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

އަދި ވިޔަފާރީގެ ބާޒާރުގައި ނުފޫޒުފޯރުވޭ މަގާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަގާމެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ވެސް ވަނީ މަނާކޮށްފައެވެ. އެއް ވިޔަފާރިއެއް އަނެއް ވިޔަފާރިއަކާ އެއްކުރުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސްއެޅިގެންދާ ދިޔުން ކޮންޓްރޯލްކުރުމުގެ ގޮތުން ކަމާބެހޭ އުސޫލުތައް އެކުލަވާލުމާޢި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމާބެހޭ ކަންކަން ބަލަހައްޓާ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ވެސް މިބިލުގައި ބަޔާންކޮށްފައިވެއެވެ.

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ބިލު

މި ބިލުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ކަނޑައަޅައި، އެ ހައްގުތައް ހިމާޔަތްކުރުމާއި، ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ހިދުމަތެއްގައި ފުރިހަމަވާންޖެހޭނެ ޝަރުތުތަކާއި މިންގަނޑުތައް ކަނޑައެޅުމެވެ. އަދި އެފަދަ ޝަރުތުތަކާއި ނުވަތަ މިންގަނޑުތަކާ ހިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަމަލުކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ އުސީލުތައް ބަޔާންކުރުމަކީ ވެސް މި ބިލުގެ ބޭނުމެކެވެ.

ހަމައެއާއެކު މުދާ ގަންނަ ފަރާތެއް ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ނިގުޅައިގެންފައިވާ ހާލަތެއްގައި ނުވަތަ އެ ހައްގުތަކަށް އުނިކަމެށް ލިބޭ ހާލަތެއްގައި އެ މައްސަލަތައް ބަލާނެ ފަރާތެއްގެ ގޮތުގައި އޮމްބަޑްސްމަންއެއް އައްޔަންކުރުމަށް މި ބިލުން ބާރުދެއެވެ. އަދި އެ ފަރާތުގެ ބާރާއި މަސްއޫލިއްޔަތު ކަނޑައެޅުމާއި، މުދާ ގަންނަ ފަރާތްތަކާއި ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ގެއްލުން ލިބޭ ހާލަތުގައި ބަދަލު ލިބިދިނުމާގުޅޭ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު

މި ބިލުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ކުރެވޭ ޖުރިމަނާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް އެ މިނިސްޓްރީއިން ގާއިމުކުރަންޖެހޭނެކަމަށް ކަނޑައަޅައިފައިވެއެވެ. އަދި، ޖޫރިމަނާގެ ފައިސާ ނުދައްކާ އޮވެއްޖެނަމަ އެ ފައިސާއަކީ އެމީހަކު ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްކަމުގައި ކަނޑައަޅައި ޝަރީއަތަށް ހުށަހަޅައިގެން އެ ފައިސާ ހޯދުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިޔު އޮތޯރިޓީއަށް ލިބިގެންވާކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ތިމާވެއްޓާ ރަށްޓެހިކޮށް ފަރުމާކޮށްފައި ހުންނަ އެއްގަމު އުޅަނދު އަދި ބެޓަރީ ހަކަތަ ނުވަތަ އިރުގެ ހަކަތަ ފަދަ، ތެޔޮ އަންދައިގެން އުފައްދާ ހަކަތަ ނޫން އެހެން ހަކަތައެއް ބޭނުންކޮށްގެން ދުއްވާ އެއްގަމު އުޅަނދު ރަޖިސްޓަރީކުރަން ނުޖެހޭ ގޮތަށް މި އިސްލާހުގައި ކަނޑައަޅާފައިވެއެވެ. އަދި، މިނިސްޓްރީން ގަބޫލުކުރާ އެހެން ގައުމެއްގެ ލައިސަންސެއް އޮންނަ ފަރާތްތަކަށް އިތުރު ލައިސަންސެއް ހޯދުމަކާ ނުލައި، 90 (ނުވަދިހަ) ދުވަހަށް ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވިދާނެކަމަށް ކަނޑައެޅުން ވެސް މި އިސްލާހުގައި ވެއެވެ.

ހަމައެއާއެކު ޓެކްސީގެ ހިދުމަތްދިނުމުގެ އުސޫލަށް ބަދަލުގެނައުމާއި، ޕްރައިވެޓް ހަޔާގެ ހިދުމަތް ދެވޭނެ ގޮތްތައް ވެސް ވަނީ ކަނޑައަޅާގައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު ދަތުރުފަތުރުކުރާ އުޅަނދުފަހަރާމެދު އަމަލުކުރެވޭ އިޖުރާއަތުތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.