އެޗްޕީއޭގެ ގަވައިދާ ހިލާފަވުމުން ޕީޕީއެމް އާއި ޕީއެންސީ 75000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީގެ ގާނޫނާއި އެެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނާ ތަކުރާރުކޮށް ހިލާފްވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަން ޕީޕީއެމް އަދި ޕީއެންސީ 75،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަން ޖޫރިމަނާ ކޮށްފައިވާއިރު، އެ ދެ ޕާޓީއަށް ނިސްބަތްވާ އިސް މެންބަރުންވެސް ވަނީ ޖޫރިމަނާ ކޮށްފައެވެ. އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ވަނީ 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެ މައްސަލައިގައި ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިިކުވެސް ވަނީ ފުލުސް އޮފީހަށް ހާޒިރު ކުރައްވާފައެވެ.

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފް ވީ ކަމަށް ނިންމާފައި ވަނީ އިދިކޮޅުން މިދިޔަ ހުކުރު ދުވަހު ބޭއްވި ސައިކަލު ބުރާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން އެ ދުވަހުވެސް ފުލުހުން ވަނީ މައްސަލަ ބެލުމަށް ފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައެވެ.

އެޗްޕީއޭގެ ގައިޑްލައިން އޮންނަ ގޮތުން މިހާރު އެންމެ ގިނަވެގެން ވެސް އެއްވެވެނީ ފަސް މީހުންނަށެވެ. އަދި އާންމުން އެއްވެ އުޅޭ ތަންތަނަށް މާސްކް އަޅައިގެންނެވެ.ނަމަވެސް އެ ސައިކަލު ބުރުގައި ބައިވެރިވި ބައެއް މީހުން މާސްކް ނާޅާކާން ފޮޓޯތަކުން ފާހަގަކުރެވެއެވެ. އަދި ބައެއް މީހުން ތިބީ މާސްކް ދަތްދޮޅު ދަށުގައި އަޅުވާލައިގެންނެވެ. ނޫންނަމަ މާސްކް އަޅާފައިވާ ގޮތުން ނޭފަތް ވެސް ނުފޮރުވާ އިޖުތިމާއީ ގައިދުރުކަމަށް ވެސް ސަމާލުކަންދީފައި ނުވާކަން ފާހަގަކުރެވެއެވެ.