އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް އިން ހޮވާ އަހަރުގެ އެންމެ މޮޅު ވީޑިއޯ ލަވައިގެ ޓްރޮފީ، ދަ ވީކެންޑްގެ "ބްލައިންޑިންގް ލައިޓްސް" ކަށަވަރުކޮށްފިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު މުނިފޫހިފިލުވުމުގެ ސިނާއަތް މުޅިންހެން ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި ކުރިއަށް ގެންދިޔަ އެންމެ ކުލަގަދަ އިވެންޓްގެ ގޮތުގައި ފާހަގަ ކުރެވިގެންދިޔަ އެމްޓީވީ ވީއެމްއޭ 2020ގައި، އަހަރުގެ ވީޑިއޯ ލަވައިގެ ޝަރަފު ދަ ވީކެންޑްއިން އުފުލާލިއިރު، އާޓިސްޓް އޮފް ދަ އިއާގެ އެވޯޑް ގެންދިޔައީ އިތުރު ތައާރަފަކަށް ބޭނުން ނުވާ ލޭޑީ ގާގާއެވެ. ސޯންގް އޮފް ދަ އިއާގެ ޓައިޓަލް ގެންދިޔައީ ލޭޑީ ގާގާއާއި އާރިއާނާ ގްރާންޑޭގެ "ރެއިން އޮން މީ" އެވެ.

މިފަހަރުގެ އެވޯޑަށް ހާއްސަކޮށްގެން ހޮވި ބެސްޓް މިއުޒިކް ވީޑިއޯ ފްރޮމް ހޯމް ގެންދިޔައީ އާރިއާނާ ގްރާންޑޭއާއި ޖަސްޓިން ބީބާގެ "ސްޓަކް ވިތު ޔޫ" އިން ކަމަށްވާއިރު ބެސްޓް ކަރަންޓީން ޕާފޯމަންސް އެވޯޑް ގެންދިޔައީ "އަންޕްލަގްޑް އެޓް ހޯމް" އިންނެވެ.

ނިއުޔޯކް ސިޓީގެ އެކި ހިސާބުތަކުން ޝޯގެ އެކި ބައިތައް ގެނެސްދިން އެމްޓީވީ ވީއެމްއޭ 2020ގައި ލޭޑީ ގާގާ، ދަ ވީކެންޑް، މަލޫމާ އަދި ބީޓީއެސް ފަދަ ފަންނުވެރިންގެ ހުށަހެޅުންތައް ވަނީ ފެނިގެން ގޮސްފައެވެ.