މިއަދު ގދ. ތިނަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަރާތް ވަނީ އިއްޔެ ބޭއްވި ޕީޕީއެމްގެ ސިޔާސީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރި ވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ތިނަދޫ ކައުންސިލުގެ މެންބަރު މަރިޔަމް ނަރީމާން ޝަރީފް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެރަށުން ޕޮޒިޓިވް ވި ފަރާތް އިއްޔެ ބޭއްވި ޕީޕީއެމް ހަރަކާތުގައި އިސްކޮށް އުޅުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އިއްޔެ އަކީ ހުކުރު ދުވަސް ކަމުން އޭނާ ވަނީ ޖަމާއަތުގައި ހުކުރަށް ގޮސްފައި ކަމަށާއި، ގިނަ ބަޔަކާ ކޮންޓެކްޓް ވެފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަރީމާން ވިދާޅުވީ އެ ހަރަކާތުގެ ބައިވެރިން އަމަލުކޮށްފައި ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް މާސްކު އަޅާއިގެން ކަމަށް އޭނާއަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ފޮޓޯތަކުން ވެސް މިކަން ހާމަވެގެން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތިނަދޫން ޕޮޒިޓިވްވި ފަރާތް ރަށުގައި ހުންނަތާ 4 ވަރަކަށް ދުވަސް ވެފައި ވުމާ އެކު، މި ކޭސްއާ ގުޅިގެން ފުދޭ ވަރަކަށް ގިނަ މީހުން ކަރަންޓީނު ކުރަން ޖެހޭނެ ކަމަށް ނަރީމާން ވިދާޅުވިއެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ބާރު ސްޕީޑުގައި ކުރެވެމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި އެރަށް މޮނިޓަރިންއަށް ލާފައި ވަނީ އެރަށުން މާލެ ދަތުރުކުރާ ބޯޓެއްގައި އުޅޭ މީހަކު އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާތީ ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ. ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ޕޮޒިޓިވްވީ އެރަށު ބޯޓެއްގެ ކައްޕިއެވެ.
އިއްޔެ ޕީޕީއެމުން އެކި ރަށްތަކުގައި ބޭއްވި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. އެގޮތުން، މާލޭގައި ބޭއްވި ސައިކަލު ބުރުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެެރިވެފައިވާއިރު، އެ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް މާސްކު ނާޅާ ގައިދުރުމިން ނުބަހައްޓާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.