ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ހާލުކޮޅު ރަނގަޅު ކަމަށް ރައީސް މައުމޫންގެ ދަރިކަނބަލުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޕަގެ ހާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމަށާއި މަންމަގެ ހާލުކޮޅު ވެސް ރަނގަޅު ކަމަށެވެ. އަދި ހެޔޮދުއާ ކޮށްދޭ ހުރިހާ ފަރާތްތަކަށް ޔުމްނާ ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.

ޔުމްނާ ވިދާޅުވީ އޭނާ މިވަގުތު ހުންނެވީ 14 ދުވަހުގެ ހޯމް ކަރަންޓީނުގައި ކަމަށެވެ.

ރައީސް މައުމޫން ކޮވިޑަށް ޓެސްޓު ކުރައްވާފައި ވަނީ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ ކަމަށް މައުލޫމާތު ލިބެއެވެ. އެމަނިކުފާނުގެ ނަތީޖާ ލިބުމުން އެކަން ޓްވީޓާ މެދުވެރިކޮށް އަންގަވާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަން ހާމަކުރެއްވުމާ އެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ހެޔޮ ދުއާ ކޮށް އަވަސް ޝިފާއަކަށް އެދިފައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ސިޔާސީ އިސް ލީޑަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

ކޮވިޑަކީ އުމުރުން ދުވަސްވީ ފަރާތްތަކަށް އޭގެ ނުރައްކާ ބޮޑު ބައްޔަކަށް ވާއިރު އުމުރުން 82 އަހަރުފުޅުގެ ރައީސް މައުމޫނަކީ ވެސް ބަލީގެ ހައި ރިސްކު ކެޓަގަރީގެ ބޭފުޅެކެވެ.

ނަސްރީނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ މިމަހު 4 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ. ނަސްރީނާ އެޑްމިޓް ކޮށްފައިވަނީ ހަށިގަނޑުން ލޮނުގެ މިންވަރު މަދުވެގެން ކަމަށް މައުލޫމާތު ލިބެއެވެ.