ކޮވިޑް-19އިގެ ސަބަބުން ކަރަންޓީނުގައި ތިބެންޖެހޭ މީހުންނަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސަން ޖެހޭ ގޮތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު ފާސްކޮށްފިއެވެ.
މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން އެ ބިލު ފާސްކޮށްފައި ވަނީ ހާޒިރުވި މެންބަރުންގެ އިއްތިފާގުން ކަމަށް ވާއިރު އެ ބިލުގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ރާއްޖޭއިން ބޭރުން އައިސް ނުވަތަ އެއްވެސް ހާލަތެއް ދިމާވެގެން ކަރަންޓީނުގައި ހުންނަން ޖެހޭ މުވައްޒަފަކަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަކާ ނުލައި މުސާރަ ލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައި ދޭން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އެ ބިލުގައި ވަނީ ގޭގައި މަޑުކުރަން ޖެހޭ މުވައްޒަފުންނަށް ވެސް އެ ހާއްސަ ޗުއްޓީ ހަމަޖައްސައި ދޭން ޖެހޭނެ ކަމަށާއި އެ ޗުއްޓީ ހަމަޖައްސައިދޭން ވަޒީފާ ދޭ ފަރާތަށް ލާޒިމް ވާނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނުވަތަ އޭނާ ކަނޑައަޅާ މީހަކު ސޮއިކޮށް ދީފައިވާ ލިޔުމެއް ދެއްކުމުން ކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ސަލާމުގެ ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުމަށާއި ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތެއްގެ އާއިލާގެ މީހަކު، އޭނާއަކީ އެމީހާ ބެލުން ހަވާލުވެފައިވާ މީހެއް ކަމުގައި ވާނަމަ އެމީހަކަށްވެސް ހާއްސަ ޗުއްޓީއެއް މުސާރަ ލިބޭގޮތަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އެ ބިލުގައި ބުނާއިރު، އެގޮތަށް ޗުއްޓީދޭން ޖެހެނީވެސް ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ ލިޔުން ވަޒީފާ ދޭ ފަރާތަށް ހުށަހެޅުމުން ކަމަށް އެ ބިލިގައި ވެއެވެ.
ކޮވިޑާ ގުޅިގެން ދޭ ޗުއްޓީގެ މުއްދަތަކީ އެމީހަކަށް ހައްގުވާ އެހެން ޗުއްޓީތަކުން އުނި ނުކުރެވޭނެ ޗުއްޓީއެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.
ކޮވިޑް-19އިގެ ހާލަތުގައި ވަޒީފާއިން ވަކިނުކުރެވޭނެ ހާލަތްތަކުގެ ތެރޭގައި ބަޔާންކޮށްފައިވަނީ ވަޒީފާ އަދާކުރާ ފަރާތުގެ އުޖޫރައިން އެއްވެސް މިންވަރެއް އުނި ނުކުރުމަށާއި ކޮވިޑްގެ ސަބަބުން ނުރަނގަޅު އަސަރުކޮށްފައިވާ ނަމަ ވަޒީފާދޭ ފަރާތަށް އެ ފިޔަވަޅުތައް އެޅޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ކޮވިޑާއި ގުޅިގެން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ޓްރިބިއުނަލަށް ދިއުމުގެ ހައްގު ބިލުން ވަނީ ކަށަވަރުކޮށްދީފައެވެ.