ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ޒިންމާ އަދާ ނުކުރެއްވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ނުސީދާ ގޮތެއްގައި އިންޒާރެއް ދެއްވައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މިއަދާ ހަމައަށްވެސް މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް އަދިވެސް ހަދާފައި ނުވާ ކަމަށައި އެ ގަވައިދުތައް ގެޒެޓްކޮށްފައި ނުވާ ކަމަށެވެ.
އެހެން ކަމުން އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވިދާނެ ކަމަށާއި ނަމަވެސް އެ ކޮމިޓީން ވެސް އަނެއްކާ ނިންމަން އޮންނާނީ ވަޒީރުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވަޒީރު މަސްއޫލިއްޔަތު އަދާ ނުކުރައްވާ ނަމަ ކަން ކުރަން ޖެހޭ ގޮތް މަޖިލީހުގެ މެންބަރުންނަށް ސާފުވެވަޑައިގަންނަވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ނުސީދާ ގޮތަކަށް މިނިސްޓަރު ޒަހާއަށް އިންޒާރެއް ދެއްވާފައި ވާއިރު، މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް މުއްދަތު ހަމަވިއިރުވެސް ހަދާފައި ނުވާތީ މަޖިލީހުގެ ގަވައިދު ކޮމިޓީއިން މީގެ ކުރިން ވަނީ ޒަހާ ޒިންމާ އަދާ ނުކުރައްވާ ކަމަށް ބުނެ ރިޕޯޓެއް ތައްޔާރުކޮށް މަޖިލީހުގެ ތަޅުމަށްވެސް ފޮނުވާފައެވެ. ނަމަވެސް އެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލީ ގަވައިދުތައް ހަދާނެ ކަމަށް ޒަހާ ވިދާޅުވެ މަޖިލީހަށް ސިޓީ ފޮނުއްވުމުންނެވެ.
ރައީސް ނަޝީދަށް ޒަހާ ފޮނުއްވި ސިޓީގައި ވަނީ މަސްވެރިކަމުގެ ގަރާނުގެ ދަށުން ހަދަން ޖެހޭ ހަ ގަވާއިދު އެކުލަވާލާއި ނިންމާފައިވާ ކަމަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށް އެ ގަވާއިދުތައް ރިވިއުކުރަން ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ.