ހަ ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވާ އާޖެންޓީނާގެ ލައިނަލް މެސީ ބާސަލޯނާ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވުމަށް އެދިއްޖެއެވެ.

2004 ވަނަ އަހަރުން ފެށިގެން ބާސައަށް ކުޅެމުން އަންނަ މެސީ ވަނީ އޭނާއާ ކްލަބާއެކު ހަދާފައިވާ އެއްބަސްވުމުގައި ހިމަނާފައިވާ ޝަރުތެއް ތަންފީޒުކޮށްގެން ހިލޭ އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެ ޓީމަށް އަންގާރަ ދުވަހު ފެކްސެއް ފޮނުވާފައެވެ.

އެހެން ނަމަވެސް ބާސައިން ބުނަނީ މެސީއަށް މި ޝަރުތު ތަންފީޒުކުރުމުގެ ބާރު ލިބިގެން ވަނީ ޖޫން މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކަމުން 2021 ވަނަ އަހަރަށް އޭނާއަށް ކްލަބްގައި މަޑުކުރަން މަޖްބޫރުވާނެ ކަމަށެވެ. އޭގެ ކުރިން އެހެން ކްލަބަކަށް ބަދަލުވެވޭނީ ބާސާއަށް 700 މިލިއަން ޔޫރޯ ދައްކައިގެންނެވެ.

މެސީއާ އޭނާގެ ޓީމުން ބުނެފައިވަނީ ދެން ކޯވިޑް-19 ގެ ސަބަބުން ނިމިގެން ދިޔަ ސީޒަން އޮގަސްޓް މަހާ ހަމައަށް ދިގުލައިގެން ދިއުމުން ކުރިން ކަނޑައެޅުނު ތާރީހު ވެސް އިތުރު ކުރެވެން ޖެހޭނެ ކަމަށެވެ.

ދެން މިކަމުގައި ގޮތެއް ނިންމާނީ ސްޕެއިންގެ ކޯޓަކުންނެވެ.

މެސީގެ މުޅި ކެރިޔާގައި ބާސަލޯނާ ނޫން އެހެން ކްލަބެއްގެ ޖާޒީ ނުލާނެ ކަމަށް ޤަބޫލުކުރެވުނު ނަމަވެސް މި ސީޒަންގައި ބާސަލޯނާއަށް މާބޮޑު ކާމިޔާބީތަކެއް ލިބިފައި ނުވާތީ މެސީ ކްލަބް ދޫކުރަން ބޭނުންވަނީ ކަމަށް ބެލެވެއެވެ. މިދިޔަ ސީޒަންގެ ސްޕެނިޝް ލަލީގާ ތަށި ރިއާލް މެޑްރިޑް ގެންދިޔަ އިރު ނިމިގެން ދިޔަ ޗެމްޕިއަންސް ލީގު މުބާރާތުން ވެސް ބާސާ ކެޓީ ލަދުވެތި ގޮތަކަށެވެ. އެއީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބަޔާން މިއުނިކް އަތުން 8-2 އަކުން ކުއާޓާ ފައިނަލްގައި ބަލިވެގެންނެވެ.

ބާސަލޯނާގެ ލެޖެންޑް މެސީ އެކްލަބް ދޫކޮށް ދެން ބަދަލުވާނީ ކޮން ކްލަބަކަށް ބާއޭ މިއީ މިހާރު ހުރިހާ ފުޓްބޯޅަ ސަޕޯޓަރުންގެ ހިތުގައި އޮތް ސުވާލެވެ. ޔޫރަޕްގެ ކޮންމެ ކްލަބެއް ވެސް އޭނާ ބޭނުންވާނެ އިރު ކޮންމެ ކޮންމެ ކްލަބަކަށް އޭނާ ގަތުމުގެ މާލީ ފެންވަރެއް ނެތެވެ.