މިއަދު ހެނދުނު މަހަށް ނުކުމެ އުޅުނު ދޯންޏެއްގެ ފަޅުވެރިއެއްގެ ފައި އެ ދޯނީގެ ބުރަފަތީގައި ޖެހި ޒަހަމް ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ހެނދުނު 6:25 ހާއިރު ގދ. ތިނަދޫގެ 15 ނޯތު މޭލު އިރުން މަސްވެރިކަން ކުރަން އުޅުނު "ރޯޅި" ނަމަކަށް ކިޔާ ދޯނީގެ ފަޅުވެރިއެއްގެ ފައި އެ ދޯނީގެ ބުރަފަތީގައި ޖެހި ފައިގެ ފަލަމަސްގަނޑު ޒަހަމް ވެފައި ވާ ކަމަށެވެ. އަދި އެއީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ހާދިސާ ހިނގީ އެ ދޯނީގެ ބުރަފަތީގައި އޮޅުނު ވަލެއް ނައްޓަން އޭނާ އުޅެނިކޮށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އަދި މި ހާދިސާ ރިޕޯޓު ކުރުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓް ގާޑުގެ އެހީތެރިކަމާއެކު އޭނާ ގދ. ތިނަދޫ އަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.