ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ. މިކަން އެޗްއީސޯސީން އަދި ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ އުމުރުން 73 އަހަރަށް ދާ ދިވެއްސެކެވެ. އޭނާ ނިޔާވީ ކޮވިޑް ފެސިލިޓީގައި ނަމާދަށް ހުއްޓާ ވެއްޓިގެން ފަރުވާ ދެމުން ދަނިކޮށް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ނިޔާވި މީހާގެ އިތުރުން އޭނާގެ އަނބިމީހާވެސް ވަނީ ކޮވިޑް ޖެހި އެ ފެސިލިޓީގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ރާއްޖޭގައި އިއްޔެ އެކަނިވެސް 133 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 103 މީހުންނަކީ ދިވެހިންނެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ، މިހާރު ރާއްޖޭގައި ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން ދާ މީހުންގެ ތެރެއިން 171 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ ކަމަށެވެ.

ދުވަހެއް ދުވަހެއް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާއިރު ބަލި ޖެހިގެން އެޑްމިޓް ކުރާ މީހުންގެ އަދަދުވެސް އިތުރުވަމުން ދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ބަލިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ އެތައް ބަޔަކަށް އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހޭ ކަމެއް ކަމުގައި ވީ ނަމަވެސް އެ ފިޔަވަޅުތަކަށް ބޯލެނބުމަކީ މިވަގުތު ބަލިން ރައްކާތެރި ވުމަށް ކުރެވެން އޮތް ކަމެއް ކަމަަށް ނަޒްލާ ވިދާޅުވިއެވެ. އަދި އެގޮތުން ބަލި ޖެހޭ މިންވަރު މަދުކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ، މި ބަލި ޖެހޭ މީހުން އިތުރުވަމުން ދިއުމުން ޑޮކްޓަރުންނާއި ނަރުހުންނަށް ބުރަވާނެ ކަމަށެވެ. މި ބަލި ޖެހިގެން އެޑްމިޓް ކުރާ މީހުން އިތުރުވާ އިރު އައިސީޔޫއަށް ލާ މީހުންވެސް އިތުރުވަމުން ދާ ކަމަށެވެ. އެގޮތުން ވެންޓިލޭޓަރުގައި ބާއްވާ ބަލި މީހަކަށް ފަރުވާ ދިނުމަށް މަދުވެގެން 2 ނަރުހުންނާއި ޑޮކްޓަރެއް ހުންނަން ޖެހޭ ކަމަށް އޭނާ ފާހާގަ ކުރެއްވިއެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 6912 އަށް އަރާފައެވެ. އޭގެތެރެއިން މިހާރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަނީ 2588 އަށް އަރާފައެވެ.