އިދިކޮޅު ކޯލިޝަނުން ކ. މާފުއްޓަށް އަރަން ރާވާތީ ލީޑާޝިޕް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ކ. މާފުއްޓަށް ދާން ރާވާފައި ވަނީ އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަން ކުރުމަށް ގޮވާލައި އިހުތިޖާޖު ކުރުމަށެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކޮށް އިއުލާނު ކޮށްފައިވާ ލިޔުމެއްގައި ވަނީ "ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އޮގަސްޓް 25، 2020 ވަނަ ދުވަހު މާފުއްޓަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ބައިވެރިވާން ބެނުންވާ ފަރާތްތަކުން މާދަމާ މެންދުރު 12:30 އަށް ހުޅުމާލެ އެމްޓީސީސީ އެކްސްޕްރެސް ޖެޓީއަށް ދިއުމަށެވެ.

މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުގެ ލީޑާޝިޕްގެ ބޭފުޅުން ފުލުހަށް ހާޒިރުވާން އަންގައިފި ކަމަށް ބުނެ ޕީޕީއެމުން ބުނީ ކ. މާފުށީ ބޭރުގައި ކަންޑުމަތީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަނޑުމަތީގެ އިހުތިޖާޖަކާ ގުޅިގެން ލީޑާޝިޕްގެ ބޭފުޅުން މާދަމާ ހެނދުނު 10:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި ކަމަށެވެ. އަދި ހާޒިރުވާން ޖެހެނީ އިސްކަންދަރު ކޮއްޓަށް ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.

މާދަމާ އިދިކޮޅުން ކ. މާފުއްޓަށް ދާން ރާވާފައި ވާއިރު، "ރާއްޖެ ވިއްކުމާ ދެކޮޅު" ނަމުގައި މުޅި ރާއްޖޭގައި މުޒާހަރާއެއް ކުރަންވެސް ވަނީ ނިންމާފައެވެ. އަންނަ ހުކުރު ދުވަހު ކުރުމަށް ހަމަޖެހިފައިވާ އެ މުޒާހަރާކަ ކުރަނީ މި ސަރުކާރުން ދިވެހިރާއްޖެ ދަރަނިވެރި ކުރުވާ ބޭރު ގައުމުތަކުން ބޮޑެތި ލޯނު ނަގަމުންދާތީ ކަމަށް ބުނެއެވެ.

ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ "ރާއްޖެ ވިއްކުމާ ދެކޮޅަށް" ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުޒާހަރާ މާލެ ސަރަހައްދު ފިޔަވާ ހުރިހާ ރަށެއްގައި ކުރިއަށްދާނެ ކަމަށެވެ.