ނުކުޅެދުންތެރިކަން ހުރި މީހަކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އޭނާ ޕޮޒިޓިވް ވެފައި ވާކަން ދެނެގަނެވިފައި ވަނީ މިއަދެވެ. މިކަމާ ގުޅިގެން ބްލައިންޑް އެސޯސިއޭޝަނުން ބުނީ، މިއަދު ލޯފަން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، މިއީ އެ ޖަމްއިއްޔާއަށް އެނގިގެން ރާއްޖެއިން ލޯފަން މީހަކު ޕޮޒިޓިވް ވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ޕޮޒިޓިވް ވެފައި ވަނީ އުމުރުން 34 އަހަރުގެ ފިރިހެނެއް ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ޕޮޒިޓިވް ވި ފަރާތުން ބުނީ އޭނާ، ޕޮޒިޓިވް ކަން އެނގިފައި ވަނީ، ޔޫއެންޑީޕީގެ ޝޫޓިން އަކަށް ގޮސްގެން، އެތަނުގައި ހުރި މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކަމަށެވެ. ޕޮޒިޓިވް ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި، އޭނާއާއެކު ޝޫޓިން އަށް ދިޔަ ބޭބެއަށް ލިބިފައި ވަނީ ނެގެޓިވް ރިޒަލްޓެއް ކަމަށް އޭނާ ބުނެއެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 6660 އަށް އަރާފައެވެ. މިހާރު އެކްޓިވް ކޭސްގެ ގޮތުގައި 2521 މީހުން އެބަ ތިއްބެވެ. އަދި މިހާރު ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 169 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭގެތެރެއިން 10 ފަރާތަކަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އެ 10 މީހުންގެ ތެރެއިން 5 ފަރާތެއް ތިބީ ވެންޓިލޭޓަރުގައެވެ.