މިހާރުވެސް މާލެ ސަރަހައްދުގައި ކޮވިޑަށް ފަރުވާ ދޭ ހޮސްޕިޓަލް ތަކުގެ އެނދުގެ 62 ޕަސަންޓް ފުރިފައި ވާކަމަށް ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ނަޒްލާ ވިދާޅުވީ، މި ބަލީގެ އެންމެ ނުރައްކާ ބޮޑު އާއިލާގެ މީހުން ރައްކާތެރި ކުރުމަށްޓަކައި، މިހާރުން މިހާރަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މިހާރުވެސް މާލެ ސަރަަހައްދުގައި ހުރި ހޮސްޕިޓަލް އެނދުތަކަށް ބަލާނަމަ އެގެ 62 ޕަސެންޓް އެނދު ފުރިފައިވާ ކަމަށެވެ.

ނަޒްލާ މިހެން ވިދާޅުވީ ރޭ އެޗްއީއޯސީން ބޭއްވި ބައްދަލުވުމުގައި ކޮވިޑުން ރައްކާތެރިވުމަށް ހަރުކަށި ފިޔަވަޅެއް މިއަދުން ފެށިގެން އަލާނެ ކަމަށް އިއުލާން ކުރުމުން ގިނަ ބަޔަކު އެކަމާ ކަންބިޑުވުން ފާލުކޮށްފަިއވާ ދަނޑިވަޅެއްގައެވެ. އެގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 8 އިން ފެށިގެން ފަތިހު 5 އާ ދެމެދުގެ ވަގުތުތަކުގައި އެއްގަމު އުުޅަނދު ދުއްވުން ވަނީ މަނާކޮށް އެކަން ކުރާ ފަރާތްތައް ޖޫރިމަނާ ކުރާ ގޮތަށް ނިންމާފައެވެ.

މިގޮތަށް މިކަން ނިންމުމުން ގިނަ ބަޔަކު އަންނަނީ ހިތް ހަމަ ނުޖެހުން ފާލުކޮށް ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. އަދި މި ކަމާ ގުޅިގެން މިހާރު އެޗްއީއޯސީއާ ދެކޮޅަށް ދަރުބާރުގެ ކުރިމަތީގައި ބަޔަކު އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ ރާއްޖޭގައި މިހާރު ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ އިރު އެންމެ ގިނައިން މި ބަލި ޖެހެނީ ޒުވާނުންނަަށް ކަމަށެވެ. އެގޮތުން ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އަމާޒަކީ އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރިކޯޑު ކުރެވިފައި ވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުން ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 6660 އަށް އަރާފައެވެ. މިހާރު އެކްޓިވް ކޭސްގެ ގޮތުގައި 2521 މީހުން އެބަ ތިއްބެވެ. އަދި މިހާރު ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 169 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭގެތެރެއިން 10 ފަރާތަކަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އެ 10 މީހުންގެ ތެރެއިން 5 ފަރާތެއް ތިބީ ވެންޓިލޭޓަރުގައެވެ.