ރ. ދުވާފަރު ކަރަންޓީން ފެސިލިޓީގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް ހައްވާ ސަމީލާ ވިދާޅުވީ، އެ ރަށުގައި ފުރަބަންދު ކަރަންޓީން މުއްދަތް ފުރިހަމަ ކުރުމަށްފަހު ޓެސްޓު ކުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭނާ އާއި އެކު ކަރަންތިން ވެގެން ތިބި މީހުންގެ ސީދާ އަދަދު ބުނަން ނޭނގޭ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެގޭގައި ތިބީ ތިން މީހުންނެވެ.

މީގެ ކުރިންވެސް ދުވާފަރު ހޯމް ކަރަންޓީން ފުރިހަމަ ކުރި ބަޔަކު ވަނީ ޕޮޒިޓިވްވެފައެވެ. އެގޮތުން ރ. ދުވާފަރުގައި ހޯމަ ކަރަންޓީންގައި ބެހެއްޓުމަށްފަހު އެޗްޕީއޭއިން ނެގެޓިވް ކަމަށް ބުނެ ދެ ދުވަސް ކުރިން ދޫކޮށްލި ތިން މީހަކު ޕޮޒިޓިވްކަން ހާމަވެފައިވަނީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.

މިހާރު މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 22 ރަށެއްގައެވެ. އެއީ ހދ. ނާވައިދޫ، ހދ.ކުރިނބި، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ރ. އިނގުރައިދޫ، ރ. ދުވާފަރު، ބ. ކަމަދޫ، ޅ. ހިންނަވަރު، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، ކ. ގުޅި، އދ. މާމިގިލި، އދ. އޮމަދޫ، ފ. ނިލަންދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ތިމަރަފުށި، އަދި އައްޑޫ ސިޓީގެ ހިތަދޫއާއި ފޭދޫއެވެ.