ހޯމް ކަރަންޓީން އަށް ދިއުމަށް މި މަހު ހުށަހެޅި ފަރާތްތަކުގެ ތެރެއިން 2097 ފަރާތެއްގެ ހުށަހެޅުން ގަބޫލުކޮށް ހުއްދަދީފައި ވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ފުރަބަންދު ހޯމް ކަރަންޓީނަށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި މަހުގެ 21 އާ ހަމައަށް 6230 ފަރާތަކުން އެދިފައި ވެއެވެ. މީގެ ތެރެއިން 2097 ފަރާތަކަށް ވަނީ ހުއްދަ ދީފައި ކަމަށް އަފްޒަލް ވިދާޅުވިއެވެ. އަދި އޭގެތެރެއިން 676 ފަރާތެއް ވަނީ ހުއްދަ ދިނުމުގެ މަގުމަތީގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެމުންދާ މި ދަނޑިވަޅުގައި ފުރަބަންދަށް ހޯމް ކަރަންޓީނަށް ދިއުމުގެ ފުރުސަތު ދެނީ ވަރަށް ބައިވަރު ހާލަތްތަކަށް ބެލުމަށް ފަހުގައެވެ. ރާއްޖޭގައި މި ބަލި މިހާރު ވަނީ މާލޭގެ އިތުރުން 21 ރަށަކާއި 10 ރިސޯޓެއްގައި ފެނިފައެވެ.

އެކްޓިވް ކޭސްތައް އުޅޭ ރަށްތަކުގެ ލިސްޓުގައި ހިމެނެނީ، ހދ. ނާވައިދޫ، ހދ.ކުރިނބި، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ރ. އިނގުރައިދޫ، ބ. ކަމަދޫ، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، ކ. ގުޅި، އދ. މާމިގިލި، އދ. އޮމަދޫ، ފ. ނިލަންދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ތިމަރަފުށި، އަދި އައްޑޫ ސިޓީގެ ހިތަދޫއާއި ފޭދޫއެވެ.

މިއަދު ރާއްޖެއިން ކޮވިޑް ޖެހިފައިވަނީ 96 މީހަކަށެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 101އެވެ.