ކޮވިޑް ޖެހިގެން 10 މީހުންނަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އޭގެތެރެއިން 5 މީހުން ތިބީ ވެންޓިލޭޓަރުގައި ކަަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ގެ ފަރާތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، މިހާރު ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 169 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށެވެ. އޭގެތެރެއިން 10 ފަރާތަކަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުން ކަމަށާއި އޭގެތެރެއިން 5 ފަރާތެއް ތިބީ ވެންޓިލޭޓަރުގައި ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އަދި މިވަގުތު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 1419 މީހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޖެހިގެން ބަލިން ރަނގަޅުވެފައި ވާ މީހުންގެ އަދަދު ވަނީ 4113 އަށް އަރާފައި ކަމަށް ވެސް ޑރ. އަފްޒަލް މިރޭ ވިދާޅުވިއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުން މި ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން މާދަމާ ރެއިން ފެށިގެން ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00 އާ ދެމެދު މާލޭ، ވިލިމާލެ އަދި ހުޅުމާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ.

މިހާރު ރާއްޖޭގެ 21 ރަށެއްގައި ކޮވިޑް ބަލި ފެނިފައި ޥާއިރު 10 ރިސޯޓަކުންވެސް ވަނީ މި ބަލި ފެނިފައެވެ.

އެކްޓިވް ކޭސްތައް އުޅޭ ރަށްތަކުގެ ލިސްޓުގައި ހިމެނެނީ، ހދ. ނާވައިދޫ، ހދ.ކުރިނބި، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ރ. އިނގުރައިދޫ، ބ. ކަމަދޫ، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، ކ. ގުޅި، އދ. މާމިގިލި، އދ. އޮމަދޫ، ފ. ނިލަންދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ތިމަރަފުށި، އަދި އައްޑޫ ސިޓީގެ ހިތަދޫއާއި ފޭދޫއެވެ.