ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަމުން އަންނަ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ނައިބު ރައީސް ފައިސް ނަސީމާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ހެލްތު މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި އެޗްއީއޯސީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ނައިބު ރައީސް އިސް ނަންގަވައިގެން ހުންނަވައި ބައްދަލުވުމެއް ބާއްވައި އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެޗްއީއޯސީގެ ބައްދަލުވުންތައް މީގެ ފަހުން ޗެއާ ކުރައްވާނީ ނައިބު ރައީސް ކަމަށް ހެލްތު މިނިސްޓްރީން ބުނެފައެއް ނުވެއެވެ.
އެ ބައްދަލުވުމުގައި ނައިބު ރައީސްގެ އިތުރުން މިހާރު ހެލްތު މިނިސްޓްރީގެ މަސައްކަތްތަކާ ހަވާލުވެ ހުންނެވި މިނިސްޓަރު އަހުމަދު އަސްލަމްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު ކަން ކުރެއްވުމާ ހަވާލުވެ ހުންނެވި އަސްލަމް ހެލްތު މިނިސްޓްރީގެ މަސައްކަތާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަތީ ހެލްތު މިނިސްތަރު އަބްދުﷲ އަމީން މަސައްކަތުން އެކަހެރިވެވަޑައިގަތުމުންނެވެ. މިނިސްޓަރު އަމީން މަސައްކަތުން އެކަހެރިވެވަޑައިގެންފަިއ ވަނީ ކޮވިޑާ ގުޅޭ ގޮތުން ފެންމަތިވެގެން އައި ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން ފަށަފައިވާ ދަނޑިވަޅެއްގައެވެ.
މިއަދު އެޗްއީއޯސީން ކުރިއަށް ގެންދިޔަ އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ދަރުބާރުގޭގައެވެ. ކޮވިޑާ ގުޅީގެން ހާއްސަ ޓާސްކް ފޯހެއް އުފެއްދުނު ހިސާބުން އެކަމާ ގުޅޭ ކަން ކަން ކުރިއަށް ގެންގޮސްފައި ވަނީ ދަރުބާރު ގޭގައެވެ.
މީގެ ކުރިން ކޮވިޑްއިން ރައްކާތެރިވުމަށް މަސައްކަތް ކޮށްފައި ވަނީ ނެޝަނަލް އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) އިންނެވެ. އެންއީއޯސީން ވަނީ 160 ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، ނޫސްވެރިންގެ 1300 އެއްހާ ސުވާލަށް ޖަވާބު ދީފައެވެ. އެންއީއޯސީ އުވާލާފައި ވަނީ ކޮވިޑްގެ 2382 ޕޮޒިޓިވް ކޭސްއާއެކުއެވެ. އަދި މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ލޮކްޑައުންއަށް ތިން ވަނަ މަރުހަލާގައި އިތުރު ލުއިތަކެއް ވެސް ދިނުމާއެކުއެވެ. އޭރު އެންއީއޯސީން ބޭއްވި ބައްދަލުވުންތައް ލީޑުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.