ގުޅީފަޅު އަދި ވެށިފަހި ފްލެޓް ގަތް މީހުނަށް ހުޅުމާލެއިން ފްލެޓް ދޭން ސަރުކާރުން ނިންމައިފިއެވެ.

ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދައްކަން ފަށާފައިވާ ފަރާތްތަކާއި، ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ގާކޮށި އަދި ވޭސައިޑް އިން ފްލެޓަށް ދައްކަން ޖެހޭ ފައިސާ ހަމަނުޖެހުނު ފަރާތްތަކަށް ހުޅުމާލެއިން ފްލެޓް ދިނުމަށް ހަމަޖެހިފައިވާއިރު ހައުސިން މިނިސްޓްރީން މިއަދު ބުނީ އެ ފަރާތްތަކަށް ދެ ގޮތެއް ހިޔާރު ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

އެގޮތުން ހިޔާ މަޝްރޫއުގެ 6720 ފްލެޓުގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓެއް ހިޔާރު ކުރުން ނުވަތަ ފަހި ދިރިއުޅުނު ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތް ކުރާ 1700 ފްލެޓުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓެއް ހިޔާރު ކުރެވިދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ދެ ގޮތުންކުރެ ގޮތެއް ހިޔާރުކުރުމުގެ ލިޔުމުގައި ސޮއި ނުކޮށް ތިބި ފަރާތްތަކުން 27 އޮގަސްޓް 2020 ގެ 13:00 ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް މިމިނިސްޓްރީއަށް އައިސް އެ ލިޔުމުގައި ސޮއިކުރުމަށް ހައުސިން މިނިސްޓްރީން ވަނީ އެދިފައެވެ.