ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ހިދުމަތްތެރިންގެ ހަށި ރައްކަލަކަށް ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ)އާ ގުޅިގެން ކޮރަޕްޝަންގެ އަމަލުތައް ހިންގުމަކީ، ޖިނާއީ ޖަރީމާއެއް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.

ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށް ދިޔަ ބްރީފިންގްއެއްގައި އަމާޒު ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، އެއްވެސް ޒާތެއްގައި ކޮރަޕްޝަނަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ، ބަލިމަޑުކަމެއްގެ ތެރޭގައި ޕީޕީއީއިން ކޮރަޕްޝަން ހިންގުމަކީ ގަސްތުގައި މީހަކު މަރާލުން ފަދަ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ހިންގާ ކޮރަޕްޝަނާ ދެކޮޅަށް ނައިރޯބީގައި ކުރި މުޒާހަރާއެއްގެ ތެރެއިން/ފޮޓޯ: ރޮއިޓާޒް

ކުރީ ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިން ޕީޕީއީއާ ނުލާ މަސައްކަތް ކުރަން ވެއްޖެނަމަ އެ ހިދުމަތްތެރިންގެ އިތުރުން، އެމީހުންގެ ފަރާތުން ހިދުމަތް ލިބިގަންނަ މީހުންގެ ފުރާނަވެސް ނުރައްކަލަށް ހުށަހެޅޭކަން ޑރ ޓެޑްރޯޒް ވަނީ ފާހަގަކުރައްވާފައެވެ.

ޑރ ޓެޑްރޯޒްއަށް ސުވާލު އަމާޒު ކުރެވުނީ ސައުތު އެފްރިކާގައި ހިންގާކަމަށް ބުނާ ޕީޕީއީގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން ކަމަށް ވީ ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މިފަދަ ތުހުމަތުތައް ދަނީ ފެންމަތިވަމުންނެވެ.

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ސިއްހީ ހިދުމަތްތެރިން ހައްޔަރުކުރަނީ/ފޮޓޯ: އޭއެފްޕީ

ކެންޔާގެ އެކި ސިޓީތަކުގައި އެ ގައުމުގެ ޑޮކްޓަރުން ވަނީ ހުކުރު ދުވަހު އިހުތިޖާޖެއް ކޮށްފައެވެ. މި އިހުތިޖާޖަކީ މުސާރަ ނުދިނުމާ، އެކަށީގެންވާ ގޮތެއްގައި ޕީޕީއީ ފޯރުކޮށްދެމުން ނުދާތީ ކުރި އިހުތިޖާޖެއް ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ކުރިން ޕާކިސްތާނާ އިނގިރޭސިވިލާތުންވެސް މިފަދަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ހަމަ މިފަދައިން، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމުގައިވެސް ސުވާލު އުފެދޭ ކަންތައްތަކެއް ހިންގާފައިވާކަމަށް ދާދި ފަހުން އާންމު ކުރި އޮޑިޓް ރިޕޯޓްތަކުން ވަނީ ހާމަވެފައެވެ.