މިއަދު ތަޖުރިބާ ކުރަމުން މިދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން، ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމުމަކަށް އައިސްދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.

ސުވިޓްޒަލަންޑްގެ ޖެނީވާގައި ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، 1918 ވަނަ އަހަރު ދުނިޔެ ދުށް 'ސްޕެނިޝް ފްލޫ'ގެ ބަލިމަޑުކަން ނިމުމަކަށް އައުމަށްވެސް 2 އަހަރެއްހާ ދުވަސް ހޭދަވި ކަމަށާ، ނަމަވެސް މިއަދު ޓެކްނޮލޮޖީގެ ރޮނގުން ހޯދިފައިވާ ކުރިއެރުންތަކާއެކު، މިއަށްވުރެވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހައްލެއް ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ގައުމީ އަދި ބައިނަލްއަގުވާމީ އެއްބައެއްވަންތަ ކަމުގެ ރޫޙަށް ބާރު އަޅުއްވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، އަދުގެ ދުނިޔެއަކީ މިފަދަ ބަލިމަޑުކަމަކަށް ނިމުން ގެނައުމަށް ބޭނުންވާ ޓެކްނޮލޮޖީއާއި މައުލޫމާތުގެ ތަނަވަސްކަން ލިބިފައިވާ ބަޔަކު އުޅެމުންދާ ދުނިޔެއެއް ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ކޭސް ރިޕޯޓްކުރަން ފެށި ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ހޯދިފައި ނުވާއިރު، ވެކްސިނެއްގެ ޔަގީންކަންވެސް އަދި ކަށަވަރެއް ނުވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 23.1 މިލިއަނަށްވުރެ ގިނަ މީހުން މިހާރު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 8 ލައްކައަށްވުރެ މައްޗަށް އަރާފައެވެ.