މެލޭޝިއާގައި ކިޔަވާ، ނަމަވެސް ކޮވިޑް-19ގެ ސަބަބުން އެ ގައުމަށް ދަތުރުކުރަން ދަތިވެ، ރާއްޖޭގައި ތާށިވެފައި ތިބި 50 ދިވެހި ދަރިވަރަކު އެ ގައުމަށް ފޮނުވާ ދީފިއެވެ.

އެ ދަރިވަރިވަރުން މެލޭޝިއާގެ ކުއާލާލަމްޕޫރަށް ފޮނުވާފައި ވަނީ މިއަދު ހެނދުނެވެ. އެ ދަރިވަރުން ގެންގޮސް ދީފައި ވަނީ އޭސް ޓްރެވެލްސް އިން އެކަމަށް ހާއްސަކޮށް ޗާޓަރުކުރި ފްލައިޓެއްގައެވެ.

މިކަމާ ގުޅިގެން އޭސް ޓްރެވެލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ، ޗާޓަރު ފްލައިޓު ބޭއްވުމަށްޓަކައި ބޭނުންވާ ހުއްދަތައް ހޯދަން ދަތިވި ކަމަށެވެ. އަދި އެކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި މޯލްޑިވިއަން އާއި މެލޭޝިއާގައްޔާއި ކޮލޮމްބޯގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ލިބުނު އެހީތެރި ކަމަށް ފިރާގު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އޭސް ޓްރެވަލްގެ ފަރާތުން ކުރަމުން ދިޔަ ޝެޑިއުލް ދަތުރުތައް ހުޢްޓާލާފައިވާ މިދަނޑިވަޅުގައި މެލޭޝިއާއަށް ކިޔަވަންދާން ބޭނުންވެފައި ތިބި ދަރިވަރުން ފޮނުވާ ދިނުމުގެ ކަންކަން ހަމަޖައްސައިދީފައި ވަނީ އެ ދަރިވަރުންގެ އެދުމަށެވެ. އެގޮތުން މި ދަތުރު މިމަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ކުރިން ހަމަޖެއްސި ނަމަވެސް އޭރު އެކަން ކުރެވޭ ގޮތް ނުވުމުން ވަނީ 17 އަށް ލަސްކޮށްފައެވެ. އަނެއްކާވެސް އެ ތާރީހު ބަަލުވެ، ފްލައިޓު ބޭއްވޭ ގޮތް ބީ މިއަދެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފިރާގު ކުރިން ވިދާޅުވީ، މި ފްލައިޓުގައި ޖުމްލަ 110 ނުވަތަ 120 ފަސިންޖަރުންގެ ކެޕޭސިޓީއެއް ދަތުރުކުރުމަށް ހަމަޖެހޭނެ ކަމަށެވެ. އަދި ފްލައިޓުގެ ކެޕޭސިޓީއަށް ބަލާފައި ޓިކެޓުގެ އަގު ހަމަޖައްސާފައިވާ ކަމަށް ފިރާގް ވިދާޅުވިއިރު، ޓިކެޓުގެ އަގަކީ އިކޮނޮމީ ކްލާހުން 590 ޑޮލަރު ކަމަށް ފިރާގު ވަނީ ވިދާޅުވެފައެވެ.

އޭސް ޓްރެވެލްސް އިން ވަނީ ޓިކެޓު ގަންނަ ދަރިވަރުންނަށް އެއްވެސް ސަބަބަކާ ހެދި މެލޭޝިއާ އަށް ނުދެވޭ ނަމަ ރިފަންޑު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލައިފައެވެ. އެގޮތުން، ފުރާ ތާރީހުގެ ހަތް ދުވަސް ކުރިން ޓްރެވެލް ޕާމިޓް ރިޖެކްޓު ވެއްޖެ ނަމަ މުޅި ޓިކެޓުގެ ފައިސާއެއްކޮށް އަނބުރާ ލިބޭނެ ކަމަށާއި ފުރުމުގެ އެއް ދުވަސް ކުރިން އެފަދަ ކަމެއް ދިމާވެއްޖެ ނަމަ 50 ޕަސެންޓު ރިފަންޑު ކޮށްދޭނެ ކަމަށް އޭސް ޓްރެވަލްސް އިން ވަނީ ބުނެފައެވެ.