މިފަހުން ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އައިސޮލޭޝަން ފެސިލިޓީއަށް ދާން ދެކޮޅު ހަދާ 100 މީހަކު އެބަ އުޅޭ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، ޕޮޒިޓިވްވި މީހުންގެ ތެރެއިން އައިސޮލޭޝަނަސް ނުގެންދެވި 359 މީހަކު ވާއިރު، އޭގެ ތެރެއިން އެޗްއީއޯސީގައި އުޅޭ ލަސްކަމެއްގެ ސަބަބުން އައިސޮލޭޝަނަށް ނުގެންދެވި ތިބި މީހުން ވަރަށް މަދު ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ ޕޮޒިޓިވް މީހުންގެ ތެރެއިން 85 މީހަކު އައިސޮލޭޝަނަށް ދާން ސީދާ ދެކޮޅު ހަދާއިރު، އާއިލާ މީހުންގެ ނަތީޖާ ލިބުމުން ނޫނީ އައިސޮލޭޓް ނުވާން ތިބި 15 މީހަކުވެސް ތިބި ކަމަށެވެ. އަދި ގުޅުމުން ފޯނަށް ޖަވާބުނުވޭ 14 މީހަކު އުޅޭއިރު، އެޗްއީއޯސީގެ ލަސްކަމުން ނުގެންދެވި ތިބީ 22 މީހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވެއެވެ. ނަމަވެސް ދެން ތިބި މީހުން ނުގެންދެވޭ ސަބަބެއް ޑރ. އަފްޒަލް ސާފުކޮށް ދެއްވާފައެއް ނުވެއެވެ.

ޕޮޒިޓިވްވާ މީހުން ހޯމް އައިސޮލޭޓް ކުރާ ކަހަލަ އުސޫލެއް ހަމަޖެއްސުމުގެ ވިސްނުމެއް ނުގެންގުޅޭތޯ އަހާ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެފަދަ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ. ނަމަވެސް ހޯމް އައިސޮލޭޓްވާން ހަމަޖެހެން ޖެހޭ ބައެއް ކަންތައް ހަމަޖެހިގެން ނޫނީ އުސޫލެއްގެ ގޮތުން އެކަން ކުރިއަށް ނުގެންދެވޭނެކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައި ވަނީ 6225 މީހެކެވެ. އޭގެތެރެއިން 3788 މީހުން ރަނގަޅުވެ، 24 މީހަކު ނިޔާވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ ގޮތުގައި ވަނީ 2413 މީހެކެވެ. މީގެ ތެރެއިން 152 މީހުން ތިބީ ހޮސްޕިޓަލުގައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 1390 މީހެކެވެ.

މާލެ ސަރަހައްދުގެ އިތުރުން ކޮވިޑް-19ގެ އެކްޓިވް ކޭސްތައް އުޅޭ 20 ރަށެއް އެބަވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، ހއ. ފިއްލަދޫ، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ހދ. ކުރިނބި، ނ. މިލަދޫ، ބ. ކަމަދޫ، ބ. ކުޑަރިކިލު، ރ. ހުޅުދުއްފާރު، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، އދ. މާމިގިލި، ފ. ނިލަންދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ، ތ. މަޑިފުށި، ތ. ވިލުފުށި، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫއެވެ.