އުންމީދުކުރާ ފަދަ ހަލުވި ދުވެއްޔެއްގައި އިގްތޮސޯދަށް ދިރުން ލިބެން ފަށާނީ، ވިޔަފާރި އާއި އިގްތިސޯދީ އެންމެހައި ހަރަކާތްތަކުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހިޖުރީ 1442 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ހިތާބުގައެވެ. އެ ހިތާބުގައި އެމަނިކުފާނު ވަނީ، ކޮވިޑް-19ގެ ސަބަބުން އިގްތިސޯދީ ގޮތުންނާއި، އިޖުތިމާއޯ ގޮތުން އެތައް ބައިވަރު ހުރަސްތަކެއް ކުރިމަތިވެ، ތަރައްގީގެ ދުވެލި ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަން ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހް ވަނީ، ކޮވިޑް-19ގެ ހުރަސްތައް ގިރާކޮށް، ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ދިޔުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި، ރައްޔިތުންގެ ބައިވެރިވުން ނުހަނު ބޮޑަށް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ހިޖުރީ 1442 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ސޯލިހް ވިދާޅުވީ، ހިޖްރީ ސަނަތުން އާ އަހަރަކާ ބައްދަލުވިއިރު، މިއަދު މެދުވެރިވެފައި މިވަނީ، ހިޖްރައިގެ މަތިވެރި ހާދިސާއިން ލިބިދޭ އިބްރަތްތަކުން ފިލާވަޅު ލިބިގަތުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ހާލަތެއް ކަމާށެވެ. އެގޮތުން ހިޖްރައިން ލިބިދޭ އެންމެ މަތިވެރި އިބްރަތަކީ، މުސްލިމުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ބަދަހިކޮށް، އެ ގުޅުން ދެމެހެއްޓުމުގެ މުހިންމު ކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، އުންމަތެއްގެ ގޮތުގައި ނުވަތަ ދައުލަތެއްގެ ގޮތުގައި ދެމިތިބެން ބޭނުންނަމަ، އެ ދައުލަތެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދެމިއޮތުން މުހިންމު ކަމަށެވެ. އަދި ކުރިއެރުމާއި ތަރައްގީއަށް އެދޭނަމަ، އެންމެހައި ރައްޔިތުން އެއް އަޒުމެއްގައި، އެއް އަމާޒަކަށް ގަދައަޅައި މަސައްކަތް ކުރުމުގެ ބޭނުންތެރި ކަމަކީ ވެސް ހިޖްރައިން ލިބިދޭ އިބްރަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޖްރީ އާ އަހަރެއްގެ ފެށުން ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، މިފަދަ ނާޒުކު ހާލަތްތަކުގައި އުޅުންތަކާއި ގުޅުންތައް ބެހެއްޓުމަށް، ހިޖްރައިން ލިބިދޭ މަތިވެރި އިރުޝާދުތައް ހަނދާނުގައި ބެހެއްޓުމަށް ރައީސް ސޯލިހް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެގޮތުން، ދަތި އުނދަގޫ ހާލަތްތަކުގައި، އާއިލާގެ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މުޖުތަމައުގެ އެއް ބަޔަކު އަނެއް ބަޔަކަށް، އަޅާލައި އޯގާތެރިވެ އުޅުމަށާއި ކުޑަކުދިންނަށް ކަމޭހިތުމުގެ އިތުރުން އަންހެނުންނަށް އޯގާތެރިވުމާއި، މުސްކުޅިންނަށް އެހީތެރިވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިއަދު އަޒުމު ކަނޑައަޅަންވީ، އިޖުތިމާއީ އަދާލަތު ގާއިމުކޮށްދޭ މިފަދަ ރީތި ސިފަތައް، މުޖުތަމައުގައި އަލުން ހަރުލެއްވުމަށް ކަމަށެވެ.