ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާއިލާއިން ބުނެފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާއިލާގެ ފަރާތުން ނެރުނު ނޫސްބަޔާނުގައި ބުނީ، އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ދައްކަވައި، ވަކީލުންގެ ހައްގާއި ބޭސްފަރުވާ ހޯދުމުގެ ހައްގު ފަދަ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައި ވާ އަސާސީ ހައްގުތަކަކީ ކުޅޭކުޅޭ ކުޅިވަރެއްގެ ގޮތުގައި ސިފަވާ ގޮތަށް އެކި ފަހަރުމަތިން އިމްރާން ވިދާޅުވުމަކީ އާއިލާއިން ކުށްވެރިކުރާ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

އެގޮތުން އެކި ފަހަރުގެ މަތިން މީޑިއާގައި އެއްވެސް އަސްލެއް އަސާސެއް ނެތް ބުހުތާނު ދޮގު ވާހަކަތައް ހޯމް މިނިސްޓަރު ދައްކައި، ހިންގެވި މުޑުދާރު އަމަލުތަކުގެ ސަބަބުން ރައީސް ޔާމީނާއި އެ މަނިކުފާނުގެ އާއިލާއަށް ނަފުސާނީ ގޮތުން ބޮޑެތި ގެއްލުންތަކާއި ހިތާމަ އާއި މޮޅިވެރިކަން ކުރިމަތިވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އަދި މިހާރު އަމަލުކުރަމުން ދާ ގާނޫނު އަސާސީގެ ދަށުން 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ރައީސްއާ މެދު އިހާނެތި ގޮތަކަށް ކަން ކުރުމަކީ އެއްވެސް ގޮތަކުން ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ކަމުގައި ނުދެކޭ ކަމަށް އާއިލާއިން ބުނެއެވެ.

އިމްރާން ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށް އާއިލާއިން ބުނެފައި ވާ އިރު، މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމިންގެ ވަކީލު ބައްދަލުވުން ހަމަޖައްސަން ރާއްޖޭގެ އެއްވެސް ކޯޓަކުން އިމްރާނުގެ މައްޗަށް އަމުރެއް ނެރެފައި ނުވާ ކަމަށެވެ. އަދި ބައްދަލުވުން ހަމަޖެއްސުމަށް މޯލްޑިވްސް ކަރެކްޝަންސްގެ އިސްނެގުމަށް ލައްކަ މަސައްކަތް ކުރެވިފައިވާ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

"ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ފަރާތަކާމެދު އަނިޔާވެރިވުން ކަމުގައި ދެކެމެ، އަދިއެއީ އަސާސީ ހައްގަކަށް ރައީސް ޔާމީން މަހުރޫމް ކުރުމަށް ދެއްކި ބަހަނާއެއް. އެއީ އެއްވެސް އަސާސެއް ނެތް ހުއްޖަތެއް"
ރައީސް އަބްދުﷲ ޔާމީންގެ އާއިލާގެ ފަރާތުން

ރައީސް ޔާމިންގެ އާއިލާއިން ބުނީ، މި މަހުގެ 18 ވަނަ ދުވަހު ރައީސް ޔާމީނަށް ވަނީ ގާނޫނީ ވަކީލެއް ލިބުމުގެ އަސާސީ ހައްގުން މަހުރޫމު ކޮށްފައި ކަމަށެވެ. އެއީ ހައިކޯޓުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއްގައި އެކޯޓުގެ ފަރާތުން ދައުލަތުގެ މައްޗަށް ކޮށްފައިވާ އަމުރާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އެ އާއިލާއިން ބުނެއެވެ. އަދި ކުރިމިނަލް ކޯޓުގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލި ދައުވާތަކުގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގައި އެ ކޯޓުން ދައުލަތުގެ މައްޗަށް ކުރި އަމުރާވެސް ހިލާފު ކަމެއް ކަމަށް އާއިލާއިން ބުނެއެވެ.

ހައިކޯޓާއި ކުރިމިނަލް ކޯޓުން ދައުލަތުގެ މައްޗަށް ކުރި އަމުރުތައް ތަންފީޒު ކުރަން ޖެހޭ އިދާރާއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް ކަމަށާއި އެ އިދާރާގެ ބަލަދުވެރިޔަކީ ހޯމް މިނިސްޓްރީ ކަމަށް އާއިލާއިން ބުނެއެވެ. އެހެންކަމުން ކޯޓުތަކުގެ އަމުރުތަކާ ހިލާފަށް، ގާނޫނު އަސާސީން ކޮންމެ ދިވެއްސަކަށް ކަށަވަރު ކޮށްދީފައި ވާ އަސާސީ ހައްގަކުން ރައީސް ޔާމީން މަހުރޫމު ކޮށްފައި ވަނީ އެ ދެ މުއައްސަސާއިން ގަސްތުގައި ކަމަށް ދެކޭ ކަމަށް އާއިލާއިން ބުނެއެވެ. އަދި އެކަމާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ވެސް އާއިލާއިން ބުނެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމް އެމަނިކުފާނު އިސްތިއުނާފު ކުރެއްވި މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި، ނިމުމަކާ ހަމައަށް ގޮސްފައި ވަނިކޮށް، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އިތުރު ދައުވާތަކެއް ވަނީ އުފުލާފައެވެ. އެގޮތުން އެ މައްސަލަތައް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ދަނޑިވަޅެއްގައި، ގާނޫނީ ވަކީލުންގެ ހައްގު އެމަނިކުފާނަށް ލިބިފައި ނުވާކަމަށް އާއިލާއިން ބުނެއެވެ.