މައުމޫން ފައުންޑޭޝަނުން "އަހަރެމެންގެ ދީނަކީ މިއީ" (ތަރުޖަމާ) އިފްތިތާހު ކޮށްފިއެވެ.

ރޭ އޮންލައިންކޮށް ބޭއްވި އެ ހަފްލާގައި އެފޮތް ތައާރަފް ކޮށްދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ. އެ ފޮތަކީ އަލްމަރްހޫމް މުހައްމަދު އަލްޣަޒާލީ ލިޔުއްވި ފޮތެެއްގެ ދިވެހި ތަރުޖަމާއެވެ. އަދި އެފޮތް ތަރުޖަމާ ކޮށްދެއްވާފައި ވަނީ ރައީސް މައުމޫނެވެ.

އެ ފޮތަކީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި އަގީދާތަކާއި ހުކުމްތައް، އުނދަގުލެއް ނެތި ފަހުމުވާ ފަދަ ގޮތަކަށް ރީތި އިބާރާތުން ބަޔާން ކޮށްފައިވާ ފޮތެއް ކަމަށް ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ. އަދި އެ ފޮތަކީ ވަރަށް ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ފޮތެއް ކަމަށް ވެސް ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ.

ރޭ ބޭއްވި އެހަފްލާގައި މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އާއި ފާރިޝް މައުމޫނާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އާއި މިނިސްޓާ އޮފް ފިޝަރީސް، މެރިން ރިސޯސެސް އެންޑް އެގްރިކަލްޗާ ޒަހާ ވަހީދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އޭގެ އިތުރުން ދުންޔާ މައުމޫނުގެ އިތުރުން އަހުމަދު ޒާހިދު އަލީ އާއި އައްބާސް އިބްރާހީމް އާއި އުމަރު ޒާހިރު ފަދަ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މައުމޫން ފައުންޑޭޝަނަކީ މުޖުތަމައަށް އެކި ހިދުމަތްތައް ކޮށްދެއްވުމަށް 2010 ގައި މައުމޫން އުފެއްދެވި ފައުންޑޭޝަނެކެވެ.