އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރު ކުރާ އެސްޓީއޯގެ ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) އިން ބުނީ ޕޮޒިޓިވް ވެފައި ވަނީ ދިވެއްސެއް ކަމަށެވެ.

މިހާރު އެ ބޯޓު އޮޓީ މޮނިޓަރިންގެ ހާލަތުގައި ކަމަށާއި ކޮންޓެކްޓުން ދެނެގަތުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ވޭތުވެދިޔަ 24 ގަޑިއުތެރޭ އެކަނި ވެސް 124 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި 139 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 100 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 16 މީހަކާއި އިންޑިއާގެ 3 މީހަކާއި ނޭޕަލް ދެ މީހުންގެ އިތުރުން ފިލިޕިންސް މީހަކާއި ޔުކްރެއިން މީހަކު އަދި އޮސްޓްރޭލިއާގެ މީހެކެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 5909 އަށް އަރާފައެވެ. އަދި ރަނގަލހުވި މީހުންގެ އަދަދު 3488 އަށް ވަނީ އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުްނގެ ތެރެއިން 118 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވާއިރު، 6 މީހަކު ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ. މިހާރު މިބަލި ޖެހިފައިވާ 2389 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 138 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1478 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 23 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި 5 ބިދޭސީންނެވެ.