ގއ. ހަޑަހާގައި ހިންގަމުންދާ ޕާކް ހަޔަޓް މޯލްޑިވްސް ރިސޯޓުގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، އެ ރިސޯޓުން ޕޮޒިޓިވް ވެފައި ވަނީ، ދެ ބިދޭސީ މުވައްޒަފުން ކަމަށެވެ. އަދި އެމީހުންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމަށާއި، އެމީހުން އަތުގައި ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އޮންނަ ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ.

އެޗްއީއޯސީން މިހެން ބުނެފައިވާއިރު، އިއްޔެ އެކަނިވެސް ވަނީ 106 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 79 ދިވެހިންނާއި، ބަންގްލަޑޭޝްއަށް ނިސްބަތްވާ 21 މީހެއްގެ އިތުރުން އިންޑިއާގެ 5 މީހަކާއި ނޭޕާލް މީހަކު ވެސް ހިމެނެއެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 99 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާއިރު 7 މީހަކު ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ. ރާއްޖެއިން ޖުމްލަ 5785 މީހަކު ޕޮޒިޓިވްވެފައިވާއިރު، މިހާރު ބަލި ޖެހިފައި ވަނީ 2414 މީހެކެވެ. ނަމަވެސް އަދި މިއަދު ޕޮޒިޓިވްވި މީހުންގެ މައުލޫމާތު އެޗްޕީއޭން ހާމަކޮށްފައެއް ނުވެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 23 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި 5 ބިދޭސީންނެވެ.

މި ބައްޔަށް ފަރުވަ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 16 ރަށެއްގައެވެ. އެއީ، ހއ. ފިއްލަދޫ، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ހދ.ކުރިނބި، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ބ. ކަމަދޫ، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، އދ. މާމިގިލި، ފ. ނިލަންދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫއެވެ.