އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެމްއެސް ލަކީ އެކްސްޕޯޓްސް އިން ދިވެހި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގެ މައްސަލައެއް ހުށަހަޅައިފިއެވެ.

އޭޖީން ބުނީ، ލަކީ އެކްސްޕޯޓްސް ނަމަކަށް ކިޔާ ކުންފުންޏެއް ދިވެހި ސަރުކާރާ ދެކޮޅަށް އިންޑިއާގެ ނިއުދިއްލީ ހައިކޯޓަށް ދިވެހި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ލަކީ އެކްސްޕޯޓްސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކުންފުންޏަށް ލިބިފައިވާ ކަމަށް ބުނާ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް ލަކީ އެކްސްޕޯޓްސްއިން ވަނީ އެދިފައި ކަމަށް އޭޖީން ބުނެއެވެ. މި އާބިޓްރޭޝަނަށް ހުށަހަލާފައި ވަނީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ.

ލަކީ އެކްސްޕޯޓްސް އާއި އެންވާރަމަންޓް މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީ އާ ދެމެދު ވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ޅ. ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކުރުމަށާއި ތ. ވޭމަންޑޫގައި ނަރުދަމާގެ ނިޒާމެއް ގާއިމްކުރުމަށް އެއްބަސްވުމެއްވެފައި ކަމަށް އޭޛިން ބުނެއެވެ. ނަމަވެސް އެ އެއްބަސްވުމަށް ލަކީ އެކްސްޕޯޓްސުން ހިލާފްވެފައި ވާތީ އެ އެއްބަސްވުން ބާތިލްކޮސްފައިވާ ކަމަށް އޭޖީން ބުނެއެވެ.

އޭޖީން ބުނީ، ލަކީ އެކްސްޕޯޓްސްގެ ފަރާތުން ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބަހައްޓާފައި ހުރި 483451 ޑޮލަރު ހޯދުމަށް ބޭންކް ގެރެންޓީ ދޫކުރި އިންޑިއާގެ ބޭންކް ސިންޑިކޭޓް ބޭންކުގައި ދިވެހި ސަރުކާރުން އެދުމުން އެ ފައިސާ ދޫކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި އިންޑިއާގެ ނިއުދިއްލީގައި ހައިކޯޓަށް ލަކީ އެކްސްޕޯޓުން ވަނީ މައްސަލަ ހުށަހަޅާފައި ކަމަށެވެ. އަދި މި އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހުގައި ނިއުދިއްލީގެ ހައިކޯޓުން ވަނީ އެ އެއްބަސްވުމުގެ ދަށުން ބޭންކް ގެރެންޓީގެ ގޮތުގައި ބަހައްޓާފައިހުރި ފައިސާ ދޫނުކޮށް ހިފެހެއްޓުމަށް ވަގުތީ އަމުރެއް ނެރެފައި ކަމަށް ވެސް އޭޖީން ބުނެއެވެ.

އެގޮތުން އެ ވަގުތީ އަމުރާ ގުޅިގެން ސަރުކާރުގެ ފަރާތުން ޖަވާބުދާރިވުމަށް ނިއުދިއްލީގެ ހައިކޯޓުން ފުރުސަތު ދީފައިވާތީ އެ ކޯޓަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ވަގުތީ އަމުރުގެ ޖަވާބު ހުށަހަޅާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގައި ކަމަށް އޭޖީން ބުނެއެވެ.

އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގައި ސިއްރު ހިފެހެއްޓުން ސަރުކާރުގެ ފަރާތަށް ލާޒިމްވާކަމާއި އާބިޓްރޭޝަނާ ގުލޭ އިތުރު މައުލޫމާތު ހާމަކުރުމަކީ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އާބިޓްރޭޝަން ޓްރައިބިއުނަލަށް ލިބިދޭ ކަމެއްކަމަށް ވެސް އޭޖީން ބުނެއެވެ.